Advertisement

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާން އަތުން ރާއްޖެ އަށް ނާކާމިޔާބު

9 އޮކްޓޯބަރު 2025 - 19:59 0


އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާން އަތުން ރާއްޖެ އަށް ނާކާމިޔާބު

9 އޮކްޓޯބަރު 2025 - 19:59 0

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ތިން ވަނަ މެޗުގައި، ތަޖިކިސްތާން އަތުން 2-0 އިން ބަލިވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އޭގައި ކުޅޭ ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި ރަށުންބޭރުގައި، ފިލިޕީންސް އަތުން 4-1 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ރަށުންބޭރުގައި، ޓިމޯ ލެސްޓޭ އަތުން 1-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި މިރޭ ތަޖިކިސްތާންގައި ކުޅެގެން އެ ޓީމު އަތުން ވެސް މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ގައުމީ ޓީމުން ކޮލިފައިންގައި ދެން ކުޅޭ ތިން މެޗު ވެސް އޮތީ މާލޭގަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި، އަންގާރަ ދުވަހު ހަވީރު ތަޖިކިސްތާނާ ކުޅޭނެ އެވެ.

ތަޖިކިސްތާނުގެ ހިސޯރް ސެންޓްރަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު ވެސް ތަޖިކިސްތާން އޮތީ ދެ ގޯލުގެ ލީޑެއްގަ އެވެ. މީގެ ފަސް ވަރަކަށް ދުވަސް ކުރިން ރަސްމީކޮށް ތަޖިިކިސްތާނާ ހަވާލުވެ، ސާބިއާގެ ކޯޗު، ގޯރާން ސްޓެވާނޯވިޗް އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި، ތަޖިކިސްތާނުން ވަނީ އަށް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ފައިދަށުން ގޯލަށް ފޮނުވާލައިގެން، ޝަހްރޯމް ސާމިއޭވް ޖެހި ގޯލެކެވެ.

ގިނަ ހުރަސްތަކެއް ނަގައިގެން އެޓޭކްކުރެވޭތޯ ބަލަމުން އައި ތަޖިކިސްތާނުން ދެ ވަނަ ގޯލު ޖެހީ 30 ވަަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައި ކީޕަރު ފައިސަލް އަތުން ދޫވި ވަގުތުގައި، ޝެރްވާނީ މަބޮޓްޝައޭވް ޖެހި ލަނޑެކެވެ.

ރާއްޖޭގެ އެޓޭކުގައި ކުޅެމުން އައި، ނާއިޒު ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު)، އަހުމަދު އައިހަމް (ފަތޯ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބޭ ބޯޅަތަކުގައި އެޓޭކެއް ބިނާކުރެވޭތޯ މަސައްކަަތްކުރި ނަމަވެސް ފަހު ވަގުތު ހަމަލާއެއް ފޮނުވާނުލެވި ފުރުސަތު ގެއްލެނީ އެވެ.

ދެ ވަަނަ ހާފަށް ނުކުމެ ވެސް ތަޖިކިސްތާނުން ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ އެޓޭކްތަކެއް ވަނީ ކޮށްފަ އެވެ. އެ ގޮތުން އެ ޓީމުން ފޮނުވާލި ހަމަލާތައް ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ރާއްޖެ އަށް ގޯލެއް ޖަަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގަ އެވެ. ބަދަލަކަށް ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މިއީ، ރާއްޖޭގެ ޓީމުގެ ކޯޗުކަމާ މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވި ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ގޮތުން، މިދިޔަ މަހު ސްރީ ލަންކާއާ އެކު ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕް ފުރަތަމަ މެޗުން މޮޅުވިއިރު، ދެ ވަަނަ މެޗުން ވަނީ އެއްވަރުވެފަ އެވެ.