Advertisement

އަމޮރިމް އަށް ޔުނައިޓެޑުން މަދުވެގެން ތިން އަހަރު ދޭނެ

9 އޮކްޓޯބަރު 2025 - 05:37 0


އަމޮރިމް އަށް ޔުނައިޓެޑުން މަދުވެގެން ތިން އަހަރު ދޭނެ

9 އޮކްޓޯބަރު 2025 - 05:37 0

މެންޗެސްޓާ (އޮކްޓޫބަރު 9) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ހުރި ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް އަށް މަދުވެގެން އެ މަގާމުގައި ތިން އަހަރު ދިނުމުގެ ވިސްނުން ގެންގުޅޭ މޭރުމަކުން ކްލަބްގެ އެއް ހިއްސާދާރު، ޖިމް ރެޓްކްލިފް ވާހަކަ ދައްކަވައިފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު، އިނގިރޭސިވިލާތުގެ މަހުޖަނެއް ކަމަށްވާ ރެޓްކްލިފް ވަނީ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފަ އެވެ. ޔުނައިޓެޑުގެ ހިންގުމުގެ ކަންކަމުގައި އުޅުމުގެ ރޯލެއްގައި ހަރަކާތްތެރިވާ ގޮތަށް އެއްބަަސްވުން ހެދި، ރެޓްކްލިފް ވަނީ އެ ކްލަބްގެ ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުގެ ކޮންޓްރޯލް ނަގައިފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އަމޮރިމް، ޔުނައިޓެޑް ކޯޗަކަށް ގެންނަން އެންމެ ބާރު އެޅީ ވެސް ރެޓްކްލިފް އެވެ.

އަމޮރިމް އަށް ޔުނައިޓެޑްގައި ނަތީޖާ ނުނެރެވޭތީ ޕްރެޝަރު އޮތީ ބޮޑުވެފަ އެވެ. އެކަމަކު، "ދި ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ރެޓްކްލިފް ވިދާޅުވީ، ސްޕޯޓިން ލިޒްބަންގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި އަމޮރިމް އަކީ މޮޅު ކޯޗެއް ކަމަށެވެ.

"އަހަރެން ދެކޭ ގޮތަކީ އެއީ، އޭނަ އަށް ތިން އަހަރު ލިބޭނެ ރަނގަޅު ކޯޗެއްކަން، ފެންވަރު ސާބިތުކޮށްދޭން،" ރެޓްކްލިފް ވިދާޅުވި އެވެ.

ދާދި ފަހުން، އަމޮރިމް ވަނީ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި 50 މެޗު ފުރިހަމަކޮށްފަ އެެވެ. ޔުނައިޓެޑްގެ ފުލްޓައިމް ކޯޗުންނަށް ބަލާއިރު، އެ ޓީމާ ހަވާލުވެ ހުއްޓައި، 50 ވަނަ މެޗުން އެންމެ ފަހުން މޮޅުވީ، 1987 ވަނަ އަހަރު އަލެކްސް ފާގަަސަން އެވެ. އެ ފަހުން ޔުނައިޓެޑާ ހަވާލުވި ކޯޗުންގެ 50 ވަނަ މެޗުގެ ނަތީޖާތަކަށް ބަލާއިރު، ޑޭވިޑް މޮއިސް، ލުއި ވެން ހާލްގެ 50 ވަނަ މެޗުން ބަލިވިއިރު، ހޯސޭ މޮރީނިއޯ، އޮލެ ގުނަ ސޯލްޝެއާ އަދި އެރިކް ޓެން ހާގްގެ 50 ވަނަ މެޗު ވަނީ އެއްވަރުވެފަ އެވެ.

އަމޮރިމް އަކީ 38 އަހަރު ތެރޭ ޔުނައިޓެޑްގެ ކޯޗަކަށް ހުރެ 50 ވަނަ މެޗުން މޮޅުވި ފުރަތަމަ މެޗު ކަމުގައި ވިޔަސް، އޭނާއާ އެކު ޔުނައިޓެޑްގެ ރެކޯޑް ދަށެވެ. އެ އަދަދަށް މެޗުގައި ޔުނައިޓެޑަށް ކޯޗުކޮށްދިންއިރު، މެޗުތަކުން މޮޅުވުމުގެ ޕަސަންޓް އެންމެ ދަށީ އަމޮރިމްގެ އިރުޝާދުގެ ދަށުންނެވެ. އަމޮރިމްގެ 50 މެޗަށް ބަލާއިރު، 21 މެޗުން ބަލިވިއިރު، މޮޅުވީ 20 މެޗުންނެވެ. އަދި، ނުވަ މެޗުން އެއްވަރުވި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން، ސަންޑަލެންޑް އަތުން ލިބުނު މޮޅާ އެކު، ޔުނައިޓެޑުން ވަނީ ހަތް މެޗުން 10 ޕޮއިންޓް ހޯދައި، ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ، 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ހަތް މެޗުން ލިބުނު 14 ޕޮއިންޓާ އެކު، ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ދިން އިންޓަވިއުއެއްގައި އަމޮރިމް ވަނީ، ޔުނައިޓެޑަށް 20 އަަހަރު ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން އެބަހުރި ކަަމަށް ބުނެފަ އެވެ.