8 އޮކްޓޯބަރު 2025 - 12:14 4
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު: އޭނާ ވިދާޅުވީ މައުމޫނުގެ ވެރިކަމުގައި ކޮރަޕްޝަނެއް ނުހިނގާ ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
8 އޮކްޓޯބަރު 2025 - 12:14 4
ކުރީގެ ރައީސް މައުމޫން އަބްދުއްލަގައްޔޫމުގެ ވެރިކަމުގައި ކޮރަޕްޝަން ނުހިނގާ ކަމަށާއި އެއީ ކޮން އެއްޗެއްކަން ރައްޔިތުންނަށް ނުވެސް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް ކޮރަޕްޝަން ގެނައި ބަޔަކީ އެމްޑީޕީ ކަމަށާއި މައުމޫނުގެ ވެރިކަމާއި ދެކޮޅަށް ފެށި އިސްލާހީ ހަރަކާތުގެ ކުރިން ކޮރަޕްޝަން އަކީ ދިވެހި އަޑު އަހާ ބަހެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރީގަ ވަރަށް ހަމަޖެހިގެން ވަރަށް އަމާން އޮމާން ކަމާއެކު ކޮރަޕްޝަން އެއްގޮތަކަށް ވެސް ނެތި ދިރިއުޅުމުން އައި ރައްޔިތަކު އުޅެމުން އައި ރާއްޖެއެއް މި ރާއްޖެ އަކީ. އެހެން ނަމަވެސް މި ރާއްޖެއަށް ކޮރަޕްޝަނޭ ކިޔާފަ ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން. އިސްލާހީ ހަރަކާތެކޭ ކިޔާފަ މުޅިން ދޮގު މައުލޫމާތުތަކެއް ރައްޔިތުންގެ ތެރޭގައި ފެތުރީ،" ޝާހިދު ވިދާޅުވި އެވެ.
އެގޮތުން، އޭރު މައުމޫނު ދިރިއުޅުއްވި ގޭގައި ރަން ފާހާނާތަށި ހުރި ކަމަށާއި މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ މެންބަރުންގެ ކެއުން ބޭރުން ގެންނަ ކަމަށް ބުނެ އެމްޑީޕީން ވާހަކަ ފެތުރުމަކީ ރާއްޖޭގައި ކޮރަޕްޝަން ފެށިގެން ދިޔަ ގޮތް ކަމަށް ޝާހިދު މިއަދު ސިފަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫނުގެ ވެރިކަމުގައި ހިންގި ވައްކަންތަކުގެ ވާހަކަ ދެއްކުމަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
"މި ދަންނަވާ ކޮރަޕްޝަން ހިންގާފަ. އަޅުގަނޑުމެންނަށް ކޮރަޕްޝަން ދަސްކޮށްދެއްވީ މި ބޭފުޅުން. އިސްލާހީ ހަރަކާތުގެ ތެރެއިން،" ޝާހިދު ވިދާޅުވި އެވެ.
މި ވާހަކަތަކަކީ ޖޯކެއްގެ ގޮތުގައި މިއަދު ފެނިދާނެ ކަމަށް ވިދާޅުވެ، ޝާހިދު އިތުރަށް ފާހަގަކުރެއްވީ މިއީ އޭނާ ގަބޫލުކުރާ ހަގީގަތް ކަމަށެވެ.
މިއަދު މަޖިލީހުގައި ބަހުސް ކުރަމުން ދަނީ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހު ތަކަކަށެވެ.
މި އިސްލާހުގައި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުން ވެސް މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި މާލީ ބަޔާން އޮޑިޓަރު ޖެނެރަލަށް ފޮނުވުމަށް ހުށަހަޅާފައިވެ އެވެ. އެ ބަޔާންް އޮޑިޓަރު ޖެނެރަލަށް އާންމުކުރުމުގެ ބާރު ދޭން ވެސް ވަނީ ހިމަނާފަ އެވެ.
Comment