7 އޮކްޓޯބަރު 2025 - 12:43 0
7 އޮކްޓޯބަރު 2025 - 12:43 0
ލަންޑަން (އޮކްޓޫބަރު 7) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް، ހެރީ ކޭން، އެނބުރި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވާން ގެންގުޅުނު ހިޔާލާ މެދު މިހާރު ނުވިސްނާ ކަމަށް ބުނެފި އެވެ.
ޓޮޓެންހަމްގައި 20 އަހަރު ހޭދަކުރި، ކޭން، 31، މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ބަޔާނަށް ސޮއިކުރީ ޖުމްލަ އެކު، 110 މިލިއަން ޑޮލަރަށް އަރާ ޑީލެއްގަ އެވެ. ބަޔާނާ އެކު، ކޭން ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ދާދި ފަހުން، ބަޔާންގެ ޗީފް، ކްރިސްޓޮފް ފްރެއުންޑް ވަނީ އެ ކްލަބުން ކޭން އަށް އާ ޑީލެއް ދޭން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށްް ވިދާޅުވެފަ އެވެ. އެކަމާ ބެހޭގޮތުން، ސުވާލުކުރުމުން ކޭން ވަނީ ބަޔާންގައި މަޑުކުރުމުގެ ވިސްނުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
"މިސާލަކަށް މީގެ ކުރިން އަހަރެން ބަޔާނަށް އައި ދުވަސްކޮޅުގައި، އެނބުރި ޕްރިމިއާ ލީގަށް ދިއުމުގެ ވާހަކަތައް އަހައިފިނަމަ އަހަރެން އާނ އެކޭ ބުނާނަން، އެކަމަކު، މިހާރު މި ކްލަބްގައި ދެ އަހަރެއް ވަރު ވެއްޖެ، އެހެންވީމަ، ޕްރިމިއާ ލީގަށް އެނބުރި އައުމުގެ ވިސްނުންތައް މިހާރު ކުޑަ، އެއްގޮތަކަށް ވެސް އެނބުރި ނުދާނަމެކޭ އެއް ނޫން، ވިސްނުންތައް މި ވަގުތަށް މަޑުޖެހިއްޖެ،" ކޭން ބުންޏެވެ.
ކޭން ބުނީ، ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީއާ އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށާއި އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި، ކެރިއަރުގެ ފަހުކޮޅުގައި، އެމެރިކާގެ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ކޭން ވަނީ ބުނެފަ އެވެ.
ޕްރޮފެޝަނަލް ކެރިއަރުގައި ކޭން އަށް ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބުނީ ބަޔާން އަށް ބަދަލުވި ފަހުންނެވެ.
Comment