Advertisement

ކޮރަޕްޝަން ހިންގަން އެންމެ ބޮޑަށް ބޭނުންކުރާ އެއްޗަކީ ނަގުދު ފައިސާ: މެންބަރު ހަމީދު

7 އޮކްޓޯބަރު 2025 - 12:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކޮރަޕްޝަން ހިންގަން އެންމެ ބޮޑަށް ބޭނުންކުރާ އެއްޗަކީ ނަގުދު ފައިސާ: މެންބަރު ހަމީދު

7 އޮކްޓޯބަރު 2025 - 12:46 0

ކޮންމެ ވެރިކަމެއްގައި ވެސް ކޮރަޕްޝަން ހިންގަން އެންމެ ގިނައިން ބޭނުންކުރާ އެއްޗަކީ ނަގުދު ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ބޮޑު ހިޔާނާތް ފަޅާއެރި އޮޑިޓު ރިޕޯޓާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ހަމީދު ވިދާޅުވީ، މިދިޔަ ސަރުކާރާއި މި ސަރުކާރު އަދި ކުރީގެ އެހެން ސަރުކާރުތަކުގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ އަދި ހިންގި ކަމުގެ އަޑުތައް މެދުނުކެނޑި ފެތުރެމުންދާ ކަމަށެވެ.

"ކޮރަޕްޝަން ހިންގާން އެންމެ ބޮޑަށް ބޭނުންކުރާ އެއްޗަކީ ހަގީގަތުގަ ވެސް ނަގުދު ފައިސާ. ޕްރޮޖެކްޓުތައް ނުއަގުގަ ނަގާފަ، ޕްރޮޖެކްޓު ދޭ މީހާއަށް އޭގެން ބައި ހިފައިގެން މިދަނީ ނަގުދު ފައިސާ ކޮތަޅަށް އަޅައިގެން،" ހަމީދު ވިދާޅުވި އެވެ.

ރާއްޖެއިން ކޮރަޕްޝަން ނައްތާލަން ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ނަގުދު ފައިސާ ބޭނުންކުރުން ހުއްޓާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޭޝް ލެސް ގައުމަކަށް މި ގައުމު ހެދުނީމަ. މި ދެންނެވި ކޮރަޕްޝަން. މި ދެންނެވި އުސޫލުން ހިންގާ ހިންގުން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،"

ހަމީދު ވިދާޅުވީ ރާއްޖޭގައި ކުރެވޭ ހުރިހާ ފައިސާގެ މުއާމަލާތަކީ ބޭންކު މެދުވެރިކޮށް ހެދޭ ޓްރާންސެކްޝަނަކަށް ވުމުން ނޫނީ ކޮރަޕްޝަން އެއްކޮށް ނެތިކޮށްލެވޭނެ ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު މިފަދައިން ވާހަކަދައްކަވާފައި ވާއިރު، މި ސަރުކާރުން ދަނީ ކޭޝްލެސް ގައުމެއް ގާއިމުކުރުމާއި ދެކޮޅަށް އެތައް މަސައްކަތެއް ކުރަމުންނެވެ. ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުވުމަކީ މިގޮތަށް ފާހަގަކޮށްލެވޭ އެއް ސިޔާސަތެވެ.

މީގެ އިތުރުން، ކޮރަޕްޝަނުގެ ތެރެއިން ނަގުދު ފައިސާ ލިބުނު ކަމުގެ ބޮޑެތި ތުހުމަތުތަކެއް ރައީސް މުހައްމަދު މުއިއްޒު އަށް ވެސް ކުރެ އެވެ. މަޖިލިސް މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި މަހަކު 50،000ރ. ދެއްވާ ކަމުގެ ވާހަކަ ވަނީ ފެންމަތިވެފަ އެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ އަމިއްލަ ގެ، މ. ދިމްޔާތު ހެދުމަށާއި އެކަން ކުރުމަށް ލޯނު ނެގުމަށް ނަގުދު ފައިސާއިން ޕޭމަންޓު ހެދި މައްސަލައާއި ވަޒީރު ކަމުގައި ހުންނެވިއިރު ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓުތަކަށް ޖަމާވި މައްސަލަތަކެއް ހިމެނެ އެވެ. އޭގެތެރެއިން ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.

ހަމީދަށް ފަހު ގަރާރަށް ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ މުއިއްޒަށް ކުރެވޭ މި މައްސަލަތަކަށް އިޝާރާތް ކުރައްވާފަ އެވެ.

"އެންމެ މަތިން ފަށާލިއިރުވެސް. ގެއަށް ލާރި ދައްކަން ވެސް ނަގުދު ފައިސާ. ބޭންކް ލޯނުގެ ފައިސާ ވެސް ނަގުދު ފައިސާ، އިއްޒަތްތެރި ރައީސް،" ޒިޔާދު ވިދާޅުވި އެވެ.

ރައީސަށް ކުރެވޭ މި ތުހުމަތުގެ ތެރެއިން އެންމެ ފަހުން ހާމަވީ، ދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ފަހު 30 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައިފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރިކަމަށެވެ.

އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާޗު 2016، އިން ފެށިގެން ސެޕްޓެމްބަރު 2018، ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ޑޮލަރާއި ދިވެހި ރުފިޔާ ހިމެނޭހެން ފަސް މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފަ އެވެ.

މި މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި ހުރި މުއިއްޒުގެ ރުފިޔާ އަދި ޑޮލަރު އެކައުންޓުތަކަށް 85 ފަހަރަކު ނަގުދު ފައިސާ ޖަމާކޮށްފައިވެ އެވެ. އެއީ 5،254،252ރ. އާއި 15،600 ޑޮލަރެވެ. ބޭންކު ރޭޓުން ޑޮލަރު މާރުކޮށްފިނަމަ ޖުމްލަ ފައިސާގެ އަދަދު 5،494804ރ. އަށް އަރަ އެވެ.

ނަގުދު ފައިސާތަކުގެ އިތުރުން، މުއިއްޒުގެ މިނިސްޓަރު ކަމުގައި ރާއްޖޭގައި ބޮޑެތި މަޝްރޫއު ތަކެއް ހަވާލުކުރި ބޭރުގެ ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް އެތައް ހާސް ޑޮލަރެއް ޖަމާކޮށްފައިވެ އެވެ. އެ ވާހަކަތައް ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު މި ނޫހުންގެ ގެނެސްދީފައިވެ އެވެ.