7 އޮކްޓޯބަރު 2025 - 11:01 5
އަހުމަދު އާއިދު
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން: އޭނާ ވިދާޅުވީ ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
7 އޮކްޓޯބަރު 2025 - 11:01 5
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ބަހުސް ކުރަމުންދާ ރީއެމްޕްލޯއިމަންޓު ބިލަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ވަޒީފާ ލިބުމަށް އޮތް ހުރަސް ނައްތާލުމުން ގިނަ ބަޔަކަށް ފައިދާ ވެގެންދާނެ ކަމަށެވެ. އެ މީހުން ދިރިއުޅެމުންދާ "ނިކަމެތި" ކަމުން ސަލާމަތްކުރުމަށް މިފަދަ ބިލެއް ހުށަހެޅި ކަމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު އަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާދެ. އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ދުނިޔޭގެ ހުރިހާ ތަނެއްގަ ވެސް 65 ވާއިރުގަ ހަގީގަތުގަ ފިރިހެނަކު، ނުވަތަ ފިރިހެނަކަށް ވެގެން މިދަނީ،" އިބްރާހިމް ވިދާޅުވި އެވެ.
މީގެ އިތުރުން ޑޮކްޓަރުންގެ މިސާލު ނަންގަވާ ޑޮކްޓަރުކަން ކިޔަވައި، ސްޕެޝަލައިޒްވެ، "ޕްރޮފެސަރަކަށް" ވާއިރު ހުންނަނީ 65 އަހަރު ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިސާބުން އެ މީހުން "ގެއަށް ދާން ޖެހޭ" ޖެހުމަކީ ވަަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެ ބައެއްގެ ބޭނުން ހިފަން ޖެހޭ ވަގުތު އެ ބަޔަކު ގެއަށް ފޮނުވާލާތަން ފެނިގެން ދިޔައީ. އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންނަށް އެބަ ފެނޭ 65 އަހަރު ވީމަ ދުނިޔޭގަ އެ މީހަކު ނެތިކޮށްލާތަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮންނަ ރިޓަޔަމަންޓު އުމުރަކީ 65 އަހަރެވެ. އެއަށްފަހު ދައުލަތުން، ވަޒީފާއެއް އަދާކުރިޔަސް ނުކުރިޔަސް، ކޮންމެ މީހަކަށް 5،000ރ. ގެ އެލަވަންސެއް ލިބެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ރި އެމްޕްލޯއިމަންޓު ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން ދަނިކޮށް އުމުރުން 65 އަހަރު ފުރޭ މީހުންނަށް އެމީހުންގެ އުމުރުން 75 އަހަރު ފުރުމާ ހަމައަށް ދައުލަތުގެ އިދާރާތަކުގައި އަލުން ވަޒީފާ އަދާކުރެވޭނެ އެވެ.
އޭގެ ތެރެއިން ދައުލަތުގެ ވަޒީފާ މިހާރު އަދާކުރަމުންދާ މީހުން، ރީއެމްޕްލޯއީމެންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރަން ބޭނުންނަމަ އެ މީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ ހަ މަސްދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ.
ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ މީހުންގެ ތެރެއިން އެ ބިލު ގާނޫނަކަށްވުމުގެ ހަތް އަހަރު ކުރިން 65 އަހަރު ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ މީހަކު ނަމަ މި ބިލު ގާނޫނަކަށްވާތާ ހަތަރު މަސް ދުވަސް ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.
Comment