7 އޮކްޓޯބަރު 2025 - 09:02 1
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު އައިޖީއެމްއެޗް ގައި އުފެއްދި އައިނު ފިހާރަ ހުޅުވައިދެއްވަނީ: އައިނު ފިހާރަތައް ހިންގަނީ ވިޔަފާރި އުސޫލަކުން ނޫން ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ ---- ފޮޓޯ: ރައީސް އޮފީސް
7 އޮކްޓޯބަރު 2025 - 09:02 1
އައިނުގެ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށް ރައީސް މުހައްމަދު މުއިއްޒު ގޮންޖައްސަވާ ސަރުކާރުން އުފެއްދި އައިނު ފިހާރަތައް ހިންގަނީ ވިޔަފާރި އުސޫލުން ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަތް ސަބަބު ސާފުކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.
ހެލްތު މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ މިއީ ނަންބަރު އައިނު ހެއްދުމަށް ދައުލަތުގެ ސިއްހީ އިންޝޫރެންސް ނިޒާމު، އާސަންދައިގެ ދަށުން ދޭ ފައިސާގެ ދަށުން ދެވޭ ހިދުމަތެއް ކަމަށެވެ. ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ހަމަޖައްސައިދޭ އަދަދު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2،000 ރުފިޔާ އަށް ވަނީ ބޮޑުކޮށްފަ އެވެ.
"މިއީ ވިޔަފާރީގެ އުސޫލުން ކުރަމުންދާ މަސައްކަތެއް ނޫންކަން ފާހަގަކުރަމެވެ. ސަރުކާރަށް ދެނެގަނެވުނީ އަމިއްލަ އޮޕްޓިކަލް ފޯރުކޮށްދޭ އައިނުގެ ހިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ،" ނާޒިމް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް، އާސަންދައިގެ ދަށުން އުފައްދާ ކޮންމެ އައިނަކަށް އަދި ލިބިގަންނަ ކޮންމެ ހިދުމަތަކަށް އެ ކުންފުނިން އައިޖީއެމްއެޗްއަށް ފައިސާ ދައްކާނެ އެވެ. މިއީ މީގެ ކުރިން އަމިއްލަ ވިޔަފާރިތަކަށް ލިބެމުންދިޔަ ފައިސާ އެވެ.
ސަރުކާރުން އެކަން އެގޮތަށް ކުރަން ނިންމީ އަމިއްލަ ތަންތަނުން އައިނު ހައްދަން ރައްޔިތުންގެ އަތުން ކޮންމެވެސް ވަރެއްގެ ފައިސާއެއް ދާތީ އެކަން ހުއްޓުވަން ކަމަށް ވެސް ނާޒިމްގެ ޖަވާބުގައި ބުނެފައިވެ އެވެ.
އައިނުގެ ހިދުމަތަށް ސަރުކާރުން ވަންނާނެކަން އިއުލާނުކުރެއްވީ ރައީސް މުއިއްޒު އެވެ. އެމަނިކުފާނު މެއި 31، ގައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރުން މި ވިޔަފާރިއަށް ވަންނަނީ އައިނު ވިޔަފާރިތަކުން "ފީކަޅާ ދުނިގަނޑު" ވިއްކާތީ ކަމަށެވެ.
"ޕްރައިވެޓް ސެކްޓަރުގެ އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވާލަން،" މުއިއްޒު ވިދާޅުވި އެވެ.
މި ނިންމުމުގެ ދަށުން އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރަން 3.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ކުރިއަށް އޮތްތަނުގައި މި ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށް ވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
ބޮޑު ހަރަދުކޮށްގެން ހެދި އައިނު ފިހާރަތަކުން އައިނެއް ހައްދަން ފަސް ހަފުތާ ނަގަ އެވެ. މިދިޔަ މަހުގެ ތެރޭ އަދަދު އިން އެމްސީޖީއެޗް އޮޕްޓިކަލްސްއަށް ގުޅުމުން ބުނީ އެތަނުން ލޮލުގެ ނަންބަރު ބެލުމަށް ނަން ނޯޓުކޮށްގެން ވެއިޓް ލިސްޓުކުރާނަމަ ތިން ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މަޑުކުރަން ޖެހޭ ކަމަށެވެ.
Comment