6 އޮކްޓޯބަރު 2025 - 09:26 3
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ހިއްކަން ފެށި ރަސްމިއްޔާތުގައި: މިއީ ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމަން ބުނި ސަރަހައްދެއް --- ފޮޓޯ: ރައީސް އޮފީސް
6 އޮކްޓޯބަރު 2025 - 09:26 3
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިތާ 21 މަސް ފަހުން، ރަސްމާލާގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރަސްމާލެ މަޝްރޫއަށް ހޯދާ ކޮންސަލްޓަންޓުގެ މައިގަނޑު ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަ ޕްލޭނެއް ތައްޔާރުކުރުން ކަމަށެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހެޅުމަށް އޮތް ސުންގަޑިއަކީ އޮކްޓޯބަރު 14، އެވެ.
އެ ކޮންސަލްޓަންޓުގެ އެހީއާއެކު ހެދޭ މާސްޓަ ޕްލޭނަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގުތިސޯދީ ގޮތުން ފުދުންތެރި މާސްޓަ ޕްލޭނަކަށް ވާން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ޑިސެމްބަރު 18، 2023 ގައި ހިއްކަން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ޖުމްލަ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކުނީ 13 ޕަސެންޓެވެ.
ރަސްމާލެ ތަރައްގީކުރަން ފުށިދިއްގަރުފަޅުން މިހާތަނަށް ހިއްކިފައިވާ ބިން ---- ފޮޓޯ: ސެންޓިނެލް 2
ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ބުނެ މުއިއްޒު ފުރަތަމަ ދިން މުއްދަތަކީ އަށް މަސްދުވަހެވެ. އެ މުއްދަތުގައި އެންމެ 29 ހެކްޓަރު ހިއްކުމުން އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވުމަށްފަހު، މުއިއްޒު މިހާރު ދެއްވާ މުހުލަތަކީ މި ޑިސެމްބަރުގެ ނިޔަލަށެވެ.
ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.
މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.
ރަސްމާލެ ހިއްކުމަށް ކުރިން ބޭނުންކުރަމުން ގެންދިޔައީ ލަކްސެމްބާގްގެ ދިދައިގައި ދަތުރުކުރާ ޑްރެޖަރެއް ކަމަށްވާ "ފްރާންސިސް ބިއުފޯ" އެވެ. ފަހުން ހިއްކި 100 ހެކްޓަރު ހިއްކީ އެ ޑްރެޖަރުންނެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ނުވަ މަސް ދުވަސް ހޭދަވި އެވެ.
ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި އެންގެވި އެވެ. އަދި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
މިކަންކަން އެނގިފައިވަނީ ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދުން އަވަސްކުރަން އެދި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ އަކުންނެވެ.
Comment