Advertisement

ޕީއެންއެފް އިން އޮކްޓޯބަރު 3، ގެ ޖަލްސާގައި ބައިވެރިވި ކަމަށް ޔާމީން ވިދާޅުވެއްޖެ

6 އޮކްޓޯބަރު 2025 - 08:39 3

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ: ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ގައުމީ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް -- ފޮޓޯ: އަތޫފް އާތިފް / އަދަދު


ޕީއެންއެފް އިން އޮކްޓޯބަރު 3، ގެ ޖަލްސާގައި ބައިވެރިވި ކަމަށް ޔާމީން ވިދާޅުވެއްޖެ

6 އޮކްޓޯބަރު 2025 - 08:39 3

އިދިކޮޅު އެމްޑީޕީ އިން އިންތިޒާމްކޮށްގެން އޮކްޓޯބަރު 3، ގައި ވެރި ރަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ޕީއެންއެފް އިން ބައިވެރިވި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވީ އެމްޑީޕީ އިން އިންތިޒާމު ކުރި މުޒާހަރާއެއް ނަމަވެސް އޭގައި ޕީއެންއެފް އިން ބައިވެރިވީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެން، އެމްޑީޕީ އިން ރޭވި ނަމަވެސް، އެ ހަރަކާތުގައި ބައިވެރިވީ އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ހަރަކާތަކަށް ވާތީ، އެ ކޯލް އެއީ ނެޝަނަލް ކޯލަކަށް ވާތީ އަޅުގަނޑުމެން އޭގައި ބައިވެރިވީ،" ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އެމްޑީޕީ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގައުމީ ހަރަކާތްތަކުގައި ޕީއެންއެފް އިން ބައިވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް ގައުމީ ސްލޯގަނެއް ނަގާފައި އިންތިޒާމްކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެން ބައިވެރިވާނަން،" ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ގާތްގަނޑަކަށް 3000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވި ކަމަށް ލަފާ ކުރެވެ އެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަށް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު އަދިވެސް ހުރީ ބަންދުގަ އެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ބާރުގަދަ އަޑެއް ބޭނުންކޮށްފަ އެވެ. ބާރުގަދަ އަޑު ބޭނުންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެ ހަތިޔާރު ބޭނުން ކުރިއިރު، ހަތިޔާރު ބޭނުން ކުރާ ގޮތުގެ އޮޕަރޭޝަން މެނުއަލްއެއް އޮތް ކަމެއް ނޭނގެ އެވެ.