6 އޮކްޓޯބަރު 2025 - 08:27 2
ގައުމީ ފުޓްސަލް ޓީމުން ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އަށް ފުރުމުގެ ކުރިން ހާއްޕެ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް
6 އޮކްޓޯބަރު 2025 - 08:27 2
ގައުމީ ފުޓްސަލް ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެނިކޮށް އަނިޔާވި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ)ގެ ސާޖަރީގެ ކަންކަން ލަސްވުމާ އެކު، ގިނަ ބަޔަކު އަންނަނީ މި ކަންކަން ހަމަޖެއްސުމުގައި ލަސްތަކެއްވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ކުޅުނު ފަހު މެޗުގައި، މިޔަންމާ އަތުން ރާއްޖެ 7-3 އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގައި، ހާއްޕެ އަށް އަނިޔާވެގެން ވަނީ އަށިގަނޑުގައި ބާލައިފަ އެވެ. ހާއްޕެގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ހެދި، ޑޮކްޓަރަށް ދެއްކުމަށް ފަަހު، ވަނީ ޕްލާސްޓަރު އަޅައިފަ އެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް އިން ބޭއްވި ކިންގްސް ކަޕްގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަށް ހޯދައިދޭން މުހިންމު ރޯލެއް ކުޅުނު،، ހާއްޕެގެ ފަޔަށް ލިބުނު އަނިޔާ އިން ރިކަވާވުމަށް މުއްދަތެއް ނަގާނެ ކަމަށާއި، މިދިޔަ މަހު 28 ވަނަ ދުވަހު ފެށި ކްލަބް މޯލްޑިވްސް ކަޕްގައި ހާއްޕެ ނުފެންނާނެ ކަމަށް އާރްއާރްސީން ވަނީ ފަހުން ބުނެފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މެޗުތައް ފެއްޓުމުގެ ކުރިން ހާއްޕެގެ އަގުވަޒަންކުރުމަށް ވަގުތުކޮޅެއް ކްލަބް މޯލްޑިވްސް އިން ހާއްސަކުރި އެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ވަރުގަދަ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ބެލުމަށް އަސާގައި ހާއްޕެ ދަނޑަށް ދެ އެވެ. މި ހުރިހާ ކަމެއް މި ހިނގަނީ ފުޓްސަލް ކޮމިއުނިޓީ ކުރިމަތީގަ އެވެ. އެއާ އެކު، ހާއްޕެގެ ސާޖަރީގެ ސުވާލުތައް އޭނާ އަށް އެކި ފަރާތްތަކުން ކުރިމަތިކުރިއިރު، މީގެ އެއް ދުވަސް ކުރިން ސޯޝަލް މީޑިއާގައި އެ ވާހަކަ ޖެހީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު، އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ޗެއާމަން، މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އޭގެ ފަހުން، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، ހަގީގަތް އޮޅުންފިލުވައިދެއްވި އެވެ.
"އިންޖަރީވި ފުޓްސަލް ޕްލޭޔަރު (ހާއްޕެ) އިންޑިޔާ އިން އޮޕަރޭޝަންކުރަން އެއްބަސްވީ ބުރާސްފަތި ދުވަހު މަޝްވަރާ އަށް ފަހު، އޮޕަރޭޝަނަށްދާނެ ހަރަދާއި ކުޅުންތެރިޔާއާއި 2 އެހީތެރިންގެ ޓިކެޓާއި، ތިބުމާއި ކެއުމުގެ ޚަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު،" ތޯރިގު ލިޔުއްވި އެވެ.
އެ ޕޯސްޓަށް ފަހު، ތޯރިގު ކުރެއްވި ކޮމެންޓުގައި ވިދާޅުވީ، "ޕަބްލިކް ކޮމެންޓްކޮށް ހަގީގަތް އޮޅޭ ކަމަށް ވާނަމަ، އެކަން ކިޔައިނުދީފިނަމަ، ދޮގު މައުލޫމާތު ފެތުރޭތީ އެ ވާހަކަ ކިޔައިދިނީ،" ކަމަށެވެ.
މީޑިއާގައި އާންމުވެފައިވާ މައުލޫމާތު ތަކަށް ބަލާނަމަ، އޭޝިއަން ކަޕްގެ ކޮލިފައިންގެ ތެރެއިން ހާއްޕެ އަށް އެ އަނިޔާ ދިމާވުމާ އެކު، ވަނީ އޭނާ ބޭނުންވާ ތަނަކުން އޮޕަރޭޝަނުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް ބުނެފަ އެވެ. އެއާ އެކު، ހާއްޕެގެ ވިސްނުން ހުރީ، ގައުމީ ފުޓްސަލް ޓީމުގެ މުބާރާތެއް ކުރިއަށް އޮތުމާއި ގޯލްޑަން ފުޓްސަލް ޗެލެންޖް ވެސް އޮތުމާ އެކު، އަވަހަށް ކުޅެން ނުކުމެވޭ ވަރަށް އޮޕަރޭޝަންގެ ކަންކަން ރަނގަޅު ތަނަކުން ކުރުމަށެވެ.
އެ ގޮތުން، ހާއްޕެ، އިހުތިޔާރުކުރީ ތައިލެންޑުން އޮޕަރޭޝަން ކަންކަން ފުރިހަަމަ ކުރުމަށެވެ. އެއީ، ކަމާ ބެހޭ އެކި ފަރާތްތަކާ ވެސް ވާހަކަ ދެއްކުމަށް ފަހު އެވެ.
އެކަމަކު، ހާއްޕެ އެގޮތަށް ނިންމި ފަހުން، އެފްއޭއެމާ އެކު ކުރި، މަޝްވަރާތަކަށް ފަހު އިންޑިއާ އިން ސާޖަރީ ކުރަން އެއްބަސްވުމަކަށް އައި ކަމަށް އެފްއޭއެމުން އެ ވަނީ ބުނެފަ އެވެ. އެންސްޕާ މެދުވެރިކޮށް އެފްއޭއެމް އާއި ސަރުކާރުން ސާޖަރީއަށް ބޭނުންވާ ހަރަދު ފައިނަލް ކުރި ނަމަވެސް، ފުރަން ކިޔާ ތާރީހު ދިޔައީ ބަދަލުވަމުން ކަމަށް މައުލޫމާތު އެނގޭ މީހަކު ވަނީ ބުނެފަ އެވެ. އިއްޔެ ފުރަން އޮވެފައި މިއަދަށް ވެސް ބަދަލުވީ އެވެ.
ފެންނަން އޮތް ހަގީގަތަކީ، ހާއްޕެގެ އަނިޔާ އަށް ދެ ހަފްތާ ވެއްޖެ އެވެ. ގަވާއިދުން މުބާރާތްތައް ކުޅެމުން އަންނަ ޑިމާންޑް ބޮޑު ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައި އޮތް ހާއްޕެ އަށް މި ގެއްލުނީ މިހާރު ވެސް ރިކަވަރީގެ ދުވެލި އަވަސް ކުރަން ބަލާއިރު ބޮޑު މުއްދަތެކެވެ.
ހާއްޕެގެ އަނިޔާގެ ކަންކަމުގައި އެކަށީގެންވާ ގޮތަށް ކަންކަން ގެންދިއުމުގައި މި ގެއްލިދިޔަ ވަގުތަކީ އިހުމާލެކެވެ.
އެންސްޕާ އަށް ބަލައިގެން އެހީތެރިކަން ހޯދައި، މެޑިކަލް/ސިއްހީ ކަންކަން ހަމަޖައްސަން މި ގައުުމުގެ ގިނަ ބަޔަކު ތަކުލީފު އުފުލަން ޖެހޭ ވާހަކަ އަބަދު އިވެ އެެވެ. މި ފަަހަރު އެކަން ގައުމު ތަމްސީލް ކުރަނިކޮށް އަނިޔާވި ގައުމީ ޓީމެއްގެ ކުޅުންތެރިއަކު ވެސް މި ވަނީ ތަޖުރިބާ ކުރަން ޖެހިފަ އެެވެ.
Comment