Advertisement

އަނިޔާ އަށް ފަހު ކީޕަރު ހުސެން ގައުމީ ސްކޮޑަށް

4 އޮކްޓޯބަރު 2025 - 08:11 0


އަނިޔާ އަށް ފަހު ކީޕަރު ހުސެން ގައުމީ ސްކޮޑަށް

4 އޮކްޓޯބަރު 2025 - 08:11 0

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި އައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގޯލްކީޕަރު، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، އަލުން ގައުމީ ސްކޮޑުގައި ހިމަަނައިފި އެވެ.

އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ނެގި ގައުމީ ސްކޮޑާ އެކު، ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ރޭ ޕްރެކްޓިސްތައް ވަނީ ފަށައިފަ އެވެ. އެ ގޮތުން، މި ފަަހަރު، ހުސެންގެ އިތުރުން އެންމެ ފަހުން ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، މި ފަހަރު ދެން ޓީމަށް ނެގީ ކްލަބް ވެލެންސިއާ އަށް ކުޅެމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު ޑިފެންޑަރު، ހަސަން ހައިޝަމް ހާމިދު އެވެ.

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުން ފެށިގެން ގައުމީ ޓީމުގެ މެޗުތަކުގައި ގޯލު ބަލަހައްޓަމުން އައީ ކީޕަރު ހުސެން އެވެ. އެކަމަކު، އަތަށް ލިބުުނު އަނިޔާއަކާ ހެދި މިދިޔަ މަހު ސްރީ ލަންކާގައި ކުުޅުނު ސައުތު އޭޝިއަން ސުޕަ ކަޕް ދެ މެޗަށް ނެގި ސްކޮޑުގައި ކީޕަރު ހުސެން ނުހިމެނެ އެވެ.

އޮގަސްޓް މަހު، މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގުގެ ޕްލޭއޮފްގައި ކުޅުނުއިރު ވެސް އަނިޔާއާ ހެދި އެ މެޗު ގެއްލުނު ހުސެން ކުޅުމަށް އެނބުރި އައީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން އެންމެ ފަހުން ބުުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވި މެޗުގަ އެވެ.

މިދިޔަ މަހު، ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ދެ މެޗުގައި، ގައުމީ ޓީމުގެ ގޯލު ބެލެހެއްޓީ ބުރުގެ ކީޕަރު، މުހައްމަދު ފައިސަލް އެވެ. ފައިސަލް، އެ މެޗުތަކުގައި ގައުމީ ޓީމަށް ކުުޅުނީ ދެ އަހަރަށް ފަހު އެވެ. ފައިސަލް އަށް 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ މި މަހު އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ. ފުރަތަމަ މެޗު މި މަހު ނުވަ ވަނަ ދުވަހު ތަޖިކިސްތާނުގައި ކުޅުމަށް ފަހު، ދެ ވަނަ މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހު މާލޭގަ އެވެ.