Advertisement

ލިލްގެ ކީޕަރު އެއް މެޗެއްގައި ތިން ފަހަރު ޕެނަލްޓީ މަތަކޮށްފި

3 އޮކްޓޯބަރު 2025 - 10:12 0


ލިލްގެ ކީޕަރު އެއް މެޗެއްގައި ތިން ފަހަރު ޕެނަލްޓީ މަތަކޮށްފި

3 އޮކްޓޯބަރު 2025 - 10:12 0

ރޯމް (އޮކްޓޫބަރު 3) - ޔުރޮޕާ ލީގުގައި ރޭ ލިލް އިން ރޯމާ އަތުން 1-0 އިން މޮޅުވި މެޗުގައި، ރޯމާ އިން ތިން ފަހަރެއްގެ މަތިން ފޮނުވާލި ޕެނަލްޓީތައް ލިލްގެ ކީޕަރު ތުރުކީ ގައުމީ ޓީމުގެ ބާކް އޮޒޭ މަތަކޮށްފި އެވެ.

ޔޫރޮޕާ ލީގުގެ ލީގު ބުރުގައި، ރޭ ކުޅުނު މެޗުގައި، ރޯމާ ދަނޑުގައި ލިލް އިން ލީޑުނެގީ، ހަ ވަނަ މިނިޓްގައި ހަކޮން ހަރަލްޑްސަން ޖެހި ގޯލުންނެވެ.

މެޗުގެ އެހާ ކުރީކޮޅުގައި ޖެހި ގޯލުން ލީޑުގައި ލިލް އޮއްވައި، މެޗުގެ 80 ވަނަ މިނިޓްގައި ރޯމާ އަށް ޕެނަލްޓީ ދިނީ، ލިލްގެ ޑިފެންޑަރު، އައިސާ މަންޑީ އަތުގައި ބޯޅަ ޖެހުމުންނެވެ. އެ ގޮތުން، ލިލްގެ ޕެނަލްޓީ ފުރަތަމަ ފޮނުވާލި އާޓެމް ޑޮވްބީކް ޖެހި ބޯޅަ ކީޕަރު ބާކް ވަނީ މަަތަކޮށްފަ އެވެ. އެކަމަކު، އެ ޕެނަލްޓީ ފޮނުވާލިއިރު، ލިލްގެ ރޮމަން ޕެރޯ މާކުރިން އޭރިއާތެރެއަށް ވަދެ ހުރުމުން އަލުން ޕެނަލްޓީ ޖަހަން ދޭން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ލަފާގެ މަތިން ނިންމި އެވެ. ދެ ވަނަ ފަހަރަށް ޖަހަން ލިބުމުން، ޑޮވްބީކް ފޮނުވާލި ބޯޅަ ވެސް ކީޕަރު ބާކް މަތަކުރިއިރު، މި ފަހަރު ބާކް ވަނީ، ޕެނަލްޓީ ފޮނުވާލުމުގެ ކުރިން، ގޯލު ރޮނގަށް ވުރެން ކުރިއަށް ޖެހިފަ އެވެ. އެެހެންވެ، އަނެއްކާ ވެސް ޕެނަލްޓީ ޖަހަން ދިނީ އެވެ.

ތިން ވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ލިބުމުން، ރޯމާ އިން ފޮނުވާލާ ކުޅުންތެރިޔާ ބަދަލުކުރި އެވެ. އެ ގޮތުން، އެ ޓީމުގެ މަޓިއަސް ސޫލާ ގޮސް ފޮނުވާލި ޕެނަލްޓީ ވެސް ކީޕަރު ބާކް މަތަކުރީ އެވެ.

މެޗަށް ފަހު، ރޯމާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ބުނީ، އެއް މެޗެއްގައި ތިން ޕެނަލްޓީ ނާކާމިޔާބުވި މަންޒަރު މި ގޮތަށް މި ފެނުނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރު ކަމަށެވެ. އަދި، އެ ކަހަލަ ހާލަތެއް ކުރިމަތިވި މެޗެއްގެ ނަތީޖާ ނުކުތް ގޮތަކާ މެދު އިތުރަށް ދެއްކޭނެ ވާހަކައެއް ނެތް ކަމަށް ގަސްޕެރީނީ ބުނެފައިވެ އެވެ.