Advertisement

ވެލެންސިއާ ބަލިކޮށް ނިއު އިން ވަރުގަދަ ފޯމު ދަމަހައްޓައިފި

1 އޮކްޓޯބަރު 2025 - 18:05 0

ނިއުގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ވެލެންސިއާ ބަލިކޮށް ނިއު އިން ވަރުގަދަ ފޯމު ދަމަހައްޓައިފި

1 އޮކްޓޯބަރު 2025 - 18:05 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރަނގަޅު ފޯމާއި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށްވާ ވެލެންސިއާ އާއި ނިއު އިން ޕްރިމިއާ ލީގުގައި ކުޅެފައި މި ވަނީ ގިނަ އަހަރުތަަކަކަށް ފަހު އެވެ. ހަ ވަރަކަށް އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނަށް އައިސް ނިއު އިން ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. ލީގުގައި މިހާތަނަށް ގޯލެއް ވަދެފައިނުވާ ހަމައެކަނި ޓީމަކީ ނިއު އެވެ.

މި މެޗުގެ ނަތީޖާއާ އެކު، ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެ ވަނައިގައި އޮތް ނިއު އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓާއި ފައިދާ 10 ގޯލު ލިބިފަ އެވެ. އެކަމަކު، މާޒިޔާ އިން އޮތީ ނިއު އަށް ވުރެ ޖެހި ގޯލަށް ބަލާއިރު އެއް ލަނޑު ކުރީގަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން މާދަމާރޭ ވިކްޓަރީ ބަލިކޮށްފިނަމަ، އިންޓަނޭޝަނަލް ބްރޭކަށްދާއިރު، އެއް ވަނައިގައި އޮންނާނީ އެ ޓީމެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ވެލެންސިއާގެ އޭރިއާތެރެއަށް ވަދެ، ގޯލާ ސީދާކޮށް ހަމަލާތައް ފޮނުވާލުމުގެ ބަދަލުގައި، އޭރިއާބޭރުން ޝޮޓް ޖަހައިގެން ގޯލު ޖެހޭތޯ ބެލި އެވެ. އެ ގޮތުން، ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ނިއުގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދެ ވަނަ ހާފުގައި ނިއު އިން ގިނަ ކުޅުންތެރިން ވެލެންސިއާގެ ހާފުގެ ތެރެއަށް އެޓޭކަށް ފޮނުވައި، އެ ޓީމުގެ އޭރިއާތެރެއިން ވެސް ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ފެށި އެވެ. އެ ގޮތުން، ނިއުގެ ޑަ ސިލްވާ ފޮނުވާލި ބޯޅައެއް ވެލެންސިއާ ކީޕަރު، މޮލްޑޯވާގެ ވިއޮރެލް ބޮއިއާން ވަނީ މަތަކޮށްފަ އެވެ.

ލަނޑެއް ޖަހައި، ލީޑުނަގަން ވެލެންސިއާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގައި ގަޑިއިރެއް ކުޅެވުނު ފަހުންނެވެ. މެޗުގެ 60 ވަނަ މިނިޓްގައި، ނިއުގެ ޑަ ސިލްވާ ނަގައިިދިން ހުރަހެއް ވެލެންސިއާގެ އަހުމަދު އަތުވާން އަލީ ބޮލުގައި ޖެހިފައި އޭރިއާތެރޭގައި ހުރި ސެންޓޭ އަށް ލިބުނު ވަގުުތު އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ލަނޑެއް ޖަަހަން ނިއު އިން ކުރި މަސައްކަތުގައި، ހަންނަ އާއި އުޒްބެކިސްތާން ޑިފެންޑަރު، ފުރްކަތޯން ޖެހި ބޯޅަތައް ކީޕަރު ބޮއިއާން ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 83 ވަނަ މިނިޓްގައި، ނިއުގެ ކެޕްޓަން ސެންޓޭ ވަނީ ޕެނަންކާ ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ސެންޓޭ ޖެހި ޝޮޓެއް ބްލޮކްކުރަން ވެލެންސިއާގެ މިސްރު ޑިފެންޑަރު، ބަސަލް އަތުން ޖެއްސި ކަމަށް ބަލާފައި އިން ޕެނަލްޓީ އެކެވެ. އެކަމަކު، ބަސަލް ވަނީ އެ ބޯޅަ ޖެހުނީ މޫނުމަތީގައި ކަމަށް ބުނެ އެޕީލްކޮށްފަ އެވެ.

މުޅި މެޗަށް ބަލާއިރު ވެސް، ވެެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އާއި އަހުމަދު ކާއިން ގަޔާޝްގެ އިތުރުން ސްޕެއިނުގެ ފޯވާޑް، އަބޫބަކުރު ސިލާ އަށް ކޮމްބިނޭޝަނެއް ހަދައިގެން އެޓޭކްކުރަން ރަނގަޅު ބޯޅައެއް ލިބިފައިނުވެ އެވެ.

ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.