Advertisement

އުޒުރު ދެއްކުމަކީ އާޓެޓާ ކުރާހިތްވާ ކަމެއް ނޫން ކަމަށް ބުނެފި

1 އޮކްޓޯބަރު 2025 - 11:32 0


އުޒުރު ދެއްކުމަކީ އާޓެޓާ ކުރާހިތްވާ ކަމެއް ނޫން ކަމަށް ބުނެފި

1 އޮކްޓޯބަރު 2025 - 11:32 0

ލަންޑަން (އޮކްޓޫބަރު 1) - އާސެނަލްގެ ކޯޗަކަށް ހުންނައިރު ފާޑުކިޔުންތައް އަމާޒުވާނެކަން އެނގޭ ކަމަށާއި ކާމިޔާބު ހޯދުމުގެ ބަދަލުގައި އުޒުރު ދެއްކުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މީގެ ފަސް އަހަރު ކުރިން، އާޓެޓާގެ ފުރަތަމަ ސީޒަނުގައި، އާސެނަލުން 2019/2020 ވަނަ ސީޒަނުގައި އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން، އެ ޓީމަށް އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިިބިފައިނުވެ އެެވެ. މިދިޔަ ތިން ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި އާސެނަލަށް ކާމިޔާބު ސީޒަނެއްގެ އިންތިޒާރު ވަނީ ދިގުލައިފަ އެވެ.

މިދިޔަ ތިން އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ނިންމި އާސެނަލުން، އާޓެޓާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި، އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސްއާ ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުނީ، ތަށި ހޯދުމަށް އޭނާ އަށް އަންނަ ޕްރެޝަރުތަކަށް ޖަވާބުދޭން ބޭނުންވާ ކަމަށެވެ.

"އަހަރެން ބޭނުންވަނީ، މި ކްލަބް (އާސެނަލް) ބޮޑެތި ޓްރޮފީތައް ހޯދަން. އެއީ މީހަކު އަަހަރެމެންނަށް ބުނެދޭން ޖެހޭނެ ކަމެއް ނޫން، އެއީ އަހަރެމެންގެ އުންމީދުތައް ހުރި ދިމާލަކީ ވެސް. އުޒުރު ދެއްކުމަކީ، އަހަރެންގެ ހަޔާތުގައި ވެސް ކުރި ކަމެއް ނޫން،" އާޓެޓާ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، އާސެނަލުން ނެރުނު ނަތީޖާތަކަށް ވުރެން މި ފަހަރު އެ ޓީމުން ރަނގަޅު ކާމިޔާބެއް ބޭނުންވާ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ. އަދި، ގިނަ ކުޅުންތެރިންތަކެއް ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި އާސެނަލާ އެކު ސޮއިކުރުމަކީ، ކްލަބުން ދާ މިސްރާބު ރަނގަޅުކަމުގެ ހެއްކެއް ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.