29 ސެޕްޓެންބަރު 2025 - 15:02 0
އަހުމަދު އާއިދު
ރާއްޖޭގެ ބައެއް ކޮންޓެންޓު ކްރިއޭޓަރުންނާއި އިކޮނޮމިކް މިނިސްޓަރު ސައީދު ބައްދަލުކުރައްވަނީ ---- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
29 ސެޕްޓެންބަރު 2025 - 15:02 0
ކޮންމެ މަހަކު ގަވާއިދުން މުސާރަ ނުވަތަ އާމްދަނީއެއް ނުލިބޭނަމަ ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް ބޮޑު އިންޓްރަސްޓު ރޭޓެއްގައި 500,000 ރުފިޔާއާ ހަމައަށް ދޫކުރަން ސަރުކާރުން ހުޅުވާލާފައިވާ ލޯނަށް ކުރިމަތިނުލެވޭކަން އެނގިއްޖެ އެވެ.
މި ލޯނު ދޫކުރަން ހުޅުވާލީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިންނެވެ. ލޯނަށް ކުރިމަތިލާން ހުންނަން ޖެހޭ ޝަރުތުތައް ސާފުކުރަން މި ނޫހުން ގުޅީ އެސްޑީއެފްސީ ގެ ކޯލް ސެންޓަރަށެވެ.
އެސްޑީއެފްސީ އިން މައުލޫމާތު ދިން މުވައްޒަފު ބުނި ގޮތުގައި ލޯނަށް ޝަރުތު ހަމަވާކަން ކަށަވަރުކުރަން ބަލަނީ ލޯނަށް އެދޭ ފަރާތަށް އާމްދަނީ ލިބޭ މިންވަރަށް ކަމަށެވެ. އަދި، ލޯނަށް ދޫކުރާ ފައިސާގެ އަދަދު ބިނާވަނީ ވެސް އާމްދަނީއަށް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، އަލަށް ކޮންޓެންޓް ކްރިއޭޓުކުރަން ފަށާ ފަރާތްތަކުން އާމްދަނީގެ ބައި ފުރިހަމަ ނުވާނަމަ ކޯ އެޕްލިކެންޓެއްގެ ގޮތުގައި މުސާރަ ލިބޭ މީހަކު ހިމެނޭނެ ކަމަށް ބުންޏެވެ.
އެކަން އިތުރަށް ސާފެއް ނުކޮށްދެ އެވެ. ލޯނުގެ ކަންކަން ފަރުމާކޮށްފައި އޮތް ގޮތުން ފްރީލޭންސްކޮށް މަސައްކަތްކުރާ ކޮންޓެންޓު ކްރިއޭޓަރުންނަށް ލޯނު ލިބުމަށް ދަތިވާނެހެން ކަން ފާހަގަ ކުރުމުން އެ މުވައްޒަފު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ސަރުކާރުގެ މާލީ ހާލަތު އިންތިހާއަށް ދަށްވެފައިވާ ވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ މި ވައުދު ފުއްދަން ސަރުކާރުންގެ ބަޖެޓުން ފަންޑު ދޭ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެސްޑީއެފްސީން ބުނީ ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯ ގްރާފަރުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށާއި ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށެވެ. ލޯން އަނބުރާ ދައްކަން ޖެހެނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހު ފަސް އަހަރު ތެރޭގަ އެވެ.
ލޯނާއި ގުޅޭގޮތުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ "މިއީ ހަމައެކަނި ފައިނޭންސިން ޕްރޮޑަކްޓެއް ނޫން،" ކަމަށެވެ.
"މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސް އަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިގުތިސާދުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ލޯންތައް ދޫކުރަނީ އަހަރަކު 9.5 ޕަސެންޓުގެ ފައިދާ ރޭޓެއްގަ އެވެ. ބައެއް ވިޔަފާރި ލޯނުތައް 9.5 ޕަސެންޓަށް ވުރެ ދަށް ރޭޓުގައި ވެސް ދޫކޮށްފައި އެބަ ހުރި ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ކަށަވަރުކޮށް ދިނެވެ.
Comment