Advertisement

ހުލާސާކޮށް އިއްޔެ: މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެނީ ނިޔާޒީއަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށް އެމްޑީޕީން ބުނުން

29 ސެޕްޓެންބަރު 2025 - 06:08 1

އޮޑިޓަ ޖެނެރަލް ނިޔާޒީ -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެނީ ނިޔާޒީއަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށް އެމްޑީޕީން ބުނުން

29 ސެޕްޓެންބަރު 2025 - 06:08 1

ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިޕޯޓުތައް ނެރެމުން ދަނީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުންޏެވެ،

މި ފަހުން ފެނަކައި ކޯޕަރޭޝަންގެ ޕްރޮކިޔުމަންޓު އޮޑިޓު ރިޕޯޓެއް ވަނީ ނެރެފަ އެވެ. އެ ރިޕޯޓު ނެރުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ. ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގު ކުރުމަށް އެ ރިޕޯޓުގައި ގޮވާލާފައިވެ އެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނި ގޮތުގައި އެއީ ސިޔާސީ ބަޔަކު ލިޔެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ ކަންކަންތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ނަންގަވާފައިވާ ކަމަށާއި ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް ރައްދު ދޭނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މި ޕާޓީން މަރުހަބާ ކިޔަން،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ރިޕޯޓު ނެރުނު އިރު އޭގައި ހިމެނޭ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ. އެއީ މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރެ އެވެ.

"ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް މި ޕާޓީން ދެކެން. އަދި އެ ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މުހިއްމު ބައެއް ހަބަރު