28 ސެޕްޓެންބަރު 2025 - 09:36 1
އަހުމަދު އާއިދު
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު: އޭނާގެ އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓު ދިންކަން ވެސް އޮޑިޓު ރިޕޯޓުން ހާމަވި ---- ފޮޓޯ: އަދަދު
28 ސެޕްޓެންބަރު 2025 - 09:36 1
މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެފައި ވަނިކޮށް، އެ ދުވަސްވަރު ކުންފުނީގެ ހުރިހާ ކަމެއް ކުރީ އުސޫލުގެ ތެރެއިން ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެ، ރައްދު ދެއްވައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މިކަމަށް ރައްދު ދެއްވައި ސައީދު ބަޔާނެއް ނެރުއްވީ ރޭ ދަންވަރު އެވެ. އޭނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެމްޑީ ކަމުގައި ހުންނެވި ފަސް އަހަރުގެ މުއްދަތުގައި އެ ކުންފުނީގެ ޕްރޮކިއުމަންޓު ހުރިހާ ކަމެއް ކުރީ އުސޫލާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން ހެދި އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
"މި ދެންނެވި ގޮތާއި ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ވިޔަސް ދީފައެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެން،" ސައީދުގެ އެކްސް އެކައުންޓުން ރޭ އާންމުކުރި ބަޔާނުގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން އޭނާ ފެނަކައިގެ އެމްޑީ ކަމުގައި ހުންނެވި މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ސައީދު ވަނީ ސިޔާސީ ކުލަ ނުޖެހި ފެނަކައިގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލާފަ އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް، ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އޭނާއާ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ ސައީދުގެ ދެ ޅިޔަނުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކާއި ސައީދުގެ ޅިޔަނެއްގެ ދަރީގެ ނަމުގައި ހަދާފައިވާ ކުންފުންޏެކެވެ. މި ތިން ކުންފުންޏާއެކު ފެނަކައިން ޖުމްލަ 92 އެއްބަސްވުމެއް ހަދާފައިވެ އެވެ.
މި އެއްބަސްވުންތަކުގެ ޖުމްލަ އަގު 49.8 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ތިން ކުންފުންޏަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 31,124,418ރ. އެވެ.
ފެނަކައިގެ ހިޔާނާތްތަކުގެ ތެރެއިން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ އުފުލަން މިހާރު ވަނީ ފޮނުވާފަ އެވެ. ދައުވާ ކުރަން ފޮނުވީ އޭސީސީގެ ތަހުގީގަކަށްފަހު އެވެ.
އޭސީސީން އޭރު ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ހިމެނޭ ކަމަށެވެ. އެ މައްސަލަތަކުގައި ސައީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
Comment