25 ސެޕްޓެންބަރު 2025 - 11:28 0
އަހުމަދު އާއިދު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު: މި އަހަރު ސްޓޫޑެންޓު ލޯނަށް ދޫކުރީ ބަޖެޓު ކުރި އަދަދުގެ 50 ޕަސެންޓު ---- ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެންބަރު 2025 - 11:28 0
ސަރުކާރުން ލޯނު ދޫކޮށްގެން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ފައިސާ ދޫކުރަން މި އަހަރުގެ ބަޖެޓުގައި ހިމެނި ފައިސާއިން މިހާތަނަށް ދޫކުރީ 50 ޕަސެންޓުކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ދެ ހަފުތާގެ މެދުކެނޑުމަކަށްފަހު ދައުލަތުގެ މާލީ ހިސާބުތައް ފިނޭންސުން އާންމުކުރި ރެކޯޑުތަކުގައި ވަނީ ސެޕްޓެމްބަރު 18، ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި ލިބުނު އާމްދަނީގެ ތަފުސީލެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު، އެ ތާރީހާއި ހަމައަށް ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ 385.3 މިލިއަން ރުފިޔާ އެވެ. މި އަހަރު ސްޓޫޑެންޓު ލޯނަށް ދޫކުރަން ބަޖެޓުގައި ހިމެނީ 768 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން، މި އަހަރުގެ ނުވަ މަސްދުވަސް ނިމިގެން ދާއިރު ސަރުކާރުން ލޯނު ދޫކޮށްގެން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް ދޫކޮށްފައިވަނީ ބަޖެޓު ކުރި އަދަދުގެ 50 ޕަސެންޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި އަދަދަށްވުރެ 114 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ދަރިވަރުންނަށް ދޫކުރި ފައިސާގެ އަދަދު މަދުވެފައިވާއިރު، މި އަހަރާއި ވޭތުވެދިޔަ ދެ އަހަރު ވެސް ފުރުސަތު ހުޅުވާލި އަދަދަށްވުރެ އިތުރަށް ލޯނު ދޫކުރި އެވެ. ތިން އަހަރު ވެސް ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޫކުރި އެވެ.
އެގޮތުން، މި އަހަރު 806 ދަރިވަރަކަށް، މިދިޔަ އަހަރު 1،153 ދަރިވަރަކަށް، އަދި 2023 ގައި 1،275 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ދޫކުރި އެވެ. އެއީ ޖުމްލަ 3،234 ދަރިވަރުންނެވެ. މި ތިން އަހަރު ސަރުކާރުން އިއުލާނުކުރީ 1،500 ފުރުސަތެވެ.
ކިޔަވަން ގޮސްތިބި ދަރިވަރުންނަށް ފައިސާ ދޫނުކުރާ ކަމުގެ ޝަކުވާތަކާއި ދަރިވަރުންގެ ޝަކުވާތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ނުދޭކަމުގެ އަޑުތައް ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް މި އަހަރުގެ ކުރީކޮޅު އެ އަޑުތައް ގަދަވި އެވެ.
މިކަމާ ގުޅިގެން ރާއްޖެއަށް ތެލާއި ކާޑަށް ސަރުކާރުން ހަދާ ޕޭމަންޓުތަކަށްވުރެ، ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި އިސްކަން ދިނުމަށް ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާ ކަަމަށް އެޕްރީލް، 10، ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"ފިނޭންސްގަ މިހާރު އަޅުގަނޑު ޔަގީންވެސް ކޮށްފިން ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެވެސް އިސްކަން ދޭނެ ފިނޭންސް މިނިސްޓްރީގަ އައިއްސަ އޮތް ޕެންޑިން ރިކުއެސްޓެއް، ލޯނު ނޫނިއްޔާ ސްކޮލަޝިޕުގަ ކިޔަވާ ކުއްޖެއްގެ ޕޭމަންޓެއް އޮވެއްޖިއްޔާ. އެ ފައިސާ ދޫކޮށްފަ ތެލައްވެސް ކާޑަށްވެސް ފައިސާ ދޫކުރަނީ،" މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
އޭގެ ފަހުން ދަރިވަރުންގެ ޝަކުވާ ބޮޑުވެ މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ ސިޓީ އާއި އީމެއިލްތަކަށް ޖަވާބު ނުދެވި ލަސްވަނީ މި އަހަރާއި މިދިޔަ އަހަރު، ކުރިން ރޭވިފައި އޮތް ވަރަށް ވުރެ ގިނަ ދަރިވަރުންނަށް ސްޓޫޑެންޓު ލޯނު ދޭން ހަމަޖެއްސުމާއި އެކިއެކި ސަބަބުތަކާ ހުރެ އާދަޔާ ހިލާފަށް ގިނަ ސިޓީ އާއި އީމެއިލް ލިބެމުން ދިޔުމުން ކަމަށް ހަޔާ އެޑިއެކޭޝަން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފަ އެވެ.
Comment