25 ސެޕްޓެންބަރު 2025 - 06:26 0
ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެންބަރު 2025 - 06:26 0
ބާޒާރުގައި މުދަލުގެ އަގު އުފުލެމުން ދާއިރު، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކަށް ދޭ ޑޮލަރު ސަޕޯޓު ވަރަށް ކުޑަ ކަމަށް ބައެއް ކުންފުނިތަކުން ބުނެފި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
ބެންކް އޮފް މޯލްޑިވްސް އިން 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓް ދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް އެ ބޭންކު ބުނެފައިވެ އެވެ. ކުޑަ އަދަދުގެ އޯޑަރުތަކަށް އަގުގެ 50 ޕަސެންޓާ ހަމައަށް ވެސް ޑޮލަރު ސަޕޯޓު ދޭ ކަމަށް ބޭންކުން ބުނެފައިވެ އެވެ.
ނަމަވެސް، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެނީ 2500 ޑޮލަރުގެ އޯޑަރުތަކަށެވެ. 30 ޕަސެންޓު ވެސް އާންމުކޮށް ލިބެނީ 10،000 ޑޮލަރުގެ އޯޑަރު ތަކަށް ކަމަށް ބައެއް ވިޔަފާރި ވެރިން ބުންޏެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބޮޑެތި ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކުން އާންމު ގޮތެއްގައި އެއް ލައްކަ ޑޮލަރު ނުވަތަ އެއަށް ވުރެ ބޮޑެތި އަދަދުތަކުގެ އޯޑަރުތައް ކުރަންޖެހޭ ކަމަށެވެ.
"[ނަމަވެސް] ޑޮލަރު ސަޕޯޓަށް އެވްރެޖުކޮށް މި ލިބެނީ އޭގެ 9 ޕަސެންޓު ނޫނީ 10 ޕަސެންޓު ވަރު،" ވިޔަފާރިވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ބާކީ ބައި ހޯދަން ޖެހެނީ ބްލެކު މާކެޓުން ޑޮލަރެއް 20ރ. އަށް ވުރެ ބޮޑު ރޭޓެއްގައި ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ހުރިހާ ވިޔަފާރިވެރިން ވެސް ބުނީ ދުވަހެއް ދުވަހަކަށް މުދަލުގެ އަގު އުފެލުމުން ދަނީ، ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ރައީސް މުހައްމަދު މުއިއްޒު ގެންނެވި ބަދަލަށް ފަހު ކަމަށެވެ.
"އެއަށް ފަހު ޑޮލަރު ލިބުން މިހާ ތާށި މިވީ. ބްލެކްމާކެޓުން ޑޮލަރު މި ލިބެނީ އެންމެ ކުޑަކޮށް ވެސް 20ރ. އަށް. އެހެންވީމަ ދެން ބައްލަވާ މުދަލުގެ އަގު އުފުލޭނެ މިންވަރު،" އެހެން ވިޔަފާރިވެރިޔަކު ބުންޏެވެ.
ވިޔަފާރިވެރިޔަކު ބުނީ އާފަލާއި އޮރެންޖުގެ އަގު އުފުލުމުން، އެފަދަ ބާވަތްތައް ސަރުކާރުން އެތެރެކޮށްގެން ވިއްކަން މަސައްކަތް ކުރި ނަމަވެސް އެއީ ދާއިމީ ހައްލަކަށް ނުވާނެ ކަމަށެވެ.
ނަތީޖާއަކަށް ވެގެންދާނީ އަމިއްލަ ވިޔަފާރިތައް ބަނގުރޫޓުވެ، މީހުން ވަޒީފާ ގެއްލިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment