24 ސެޕްޓެންބަރު 2025 - 08:15 0
24 ސެޕްޓެންބަރު 2025 - 08:15 0
ރޯމް، އިޓަލީ (ސެޕްޓެމްބަރު 24) - އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ ވާހަކަ ދައްކަނީ، ޖަރުމަނުގެ ހުދުމުހުތާރު ވެރިޔާ، އެޑޯލްފް ހިޓްލަރު ގޮތަށް ކަމަށް ބުނެ، ލަވަހެދި އިޓަލީގެ ރެޕަރު، ފެޑޭޒް މާފަށް އެދިއްޖެ އެވެ.
އެ ގޮތުން، ފެޑޭޒް، އާންމުކުރި ރެޕް ލަަވައެއްގެ ލިރިކްސްގައި ބުނެފައިވަނީ، ސިނާގެ ވާހަަކަ ދެއްކުމުގެ ގޮތްތައް ހުންނަނީ، ހިޓްލަރުގެ ސްޓައިލަށް ކަމަށެވެ.
އުމުރުން 24 އަހަރުގެ ސިނާ ނިސްބަތްވަނީ، އިޓަލީގައި އުޅޭ ޖަރުމަނުގެ ދަރިފަސްކޮޅާ ގުޅޭ އާއިލާ އަކަށެވެ. އެހެންކަމުން، ފެޑޭޒްގެ މި ލަވައިގެ މާނައިގައި، އެ ދަރިކޮޅުގެ ކަރާމާތަށް އަރައިގަންނަ ގޮތަށް މާނަ ދޭހަވާ ކަމަށް ބުނެ، ގިނަ ބަޔަކު މި ލަވަޔާ މެދު ނުރުހުން ފާޅުކުރި އެވެ.
މިލާނުގައި މިދިޔަ ހުކުރު ދުވަހު ދިން ޝޯ އަކަށް ފަހު، ފެޑޭޒް ބުނެފައިވަނީ، އޭނާ އެ ލަވަ ހެދުމުގެ މަގުސަދަކީ އެއްވެސް ބަޔެއްގެ އަބުރަށް އަރައިގަންނަ ގޮތަށް ކަމެއް ކުރުމަށް ނޫން ކަމަށެވެ. އަދި، އެ ލަވައިގެ ސަބަބުން އެފަދަ ކަމެއް ހިނގައި، ހާލަތެއް ކުރިމަތިވާނެ ކަންތައްތަކެއް ހުރުމުން ފެޑޭޒް ވަނީ ވަރަށް ބޮޑަށް މާފަށް އެދިފަ އެވެ.
މިދިޔަ އަހަރުތަކުގައި، އިޓަލީގެ އެންމެ މަގުބޫލު ކުޅިވަރު އެތުލީޓަކަށްވެފައިވާ ސިނާ އަށް އެ ގައުމަށް ނިސްބަތްވާ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. މީގެ ކުރިން މަނާބޭހުގެ މައްސަލައެއްގައި ސިނާ ސަސްޕެންޝަނުގައި ހުރިއިރު އިޓަލީގެ ކުޅިވަރުގެ އެކި ފަރާތްތަކުގެ ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މިދިޔަ މަހު، ޔޫއެސް އޯޕަން ފައިނަލުން ބަލިވެ، ދުނިޔޭގެ ރޭންކިން އެއް ވަަނަ ގެއްލުނު ސިނާ މި ވަގުތު އަންނަނީ، ކުރިއަށް އޮތް ޗައިނާ އޯޕަން އަށް ތައްޔާރުވަމުންނެވެ.
Comment