22 ސެޕްޓެންބަރު 2025 - 07:04 4
22 ސެޕްޓެންބަރު 2025 - 07:04 4
މެދުކެނޑުމަަކަށް ފަހު ދާދި ފަހުން ބެޑްމިންޓަން ކުޅުމަށް އެނބުރި އައި، ހައިޝަމް އިބްރާހިމް އަލީ، ރިވައިވަލް ސްޕޯޓްސްއާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދައި، ދެން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމަށް ޓާގެޓް ކަނޑައަޅައިފި އެވެ.
ވ. ކެޔޮދޫ އަށް އުފަން، ހައިޝަމް، 22، ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު، މުބާރާތްތަކެއް ނުކުޅެ ހުރުމަށް ފަހު އެނބުރި އައީ، މިދިޔަ އޮގަސްޓް މަހު ކުރިއަށްދިޔަ، ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުގައި ކުޅޭށެވެ. އޭނާ ވަނީ ސިލެކްޝަނުން ގައުމީ ޓީމަށް އަރައިފަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ކުރި އުންމީދެއް ހަގީގަތަކަށް ހެދީ އެވެ.
ރަސްމީކޮށް އަލުން ބެޑްމިންޓަނަށް އެނބުރި އައި، ހައިޝަމް ވަނީ ދާދި ފަހުން ކުރިއަށްދިޔަ، ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގެ ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އަދި، ކުރިއެރުމަށް އިތުރު އުންމީދުތަކެއް ހުރުުމާ އެކު، ހައިޝަމް ވަނީ ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމާ ގުޅިފަ އެވެ. އެއީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ހައިޝަމް، ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ، 2027 ވަނަ އަހަރު އޮންނަ އައިއޯއައިޖީން ރާއްޖެ އަށް ފިރިހެން ސިންގަލްސް އިން ރަން މެޑަލެއް ހޯދުމެވެ. މިއީ، އަދި ރާއްޖޭގެ ފިރިހެން ކުޅުންތެރިއަކަށް ހާސިލްކުރެވިފައިވާ ކާމިޔާބެއް ނޫނެވެ.
ރިވައިވަލްގެ ސްކޮލަޝިޕެއް ލިބި ރަނގަޅު ކެރިއަރެއް ބިނާކުރަން، އުމުރުން 17 އަހަރުގައި ހައިޝަމް ފެށި ދަތުރުގައި، ރަނގަޅު ފޯމެއްގައި ހުއްޓައި ކުޅުން ހުއްޓާލަން ޖެހުނީ، 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ނެގި ގައުމީ ސްކޮޑަށް ނޭރުމުންނެވެ. އެކަމަކު، އޭނާ މި ވަނީ ހަމަހަަމަ ފުރުސަތެއް ލިބުނު ފަހަރު ސިލެކްޝަނެއް ކުޅެގެން ގައުމީ ޓީމުގެ ޖާގައެއް ހޯދައިފަ އެވެ.
Comment