20 ސެޕްޓެންބަރު 2025 - 06:23 0
20 ސެޕްޓެންބަރު 2025 - 06:23 0
ލަންޑަން (ސެޕްޓެމްބަރު 20) - ނަތީޖާ ނުނެރެވުނު ކަމުގައި ވިޔަސް މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނަ ފޯމޭޝަން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ރުބެން އަމޮރިމް ބުނެފި އެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރަން 200 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރި ޔުނައިޓެޑުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި ޓާގެޓްކުރާނީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމަށް ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ. އަދި، މި ސީޒަނުގައި ޔޫރަޕްގެ މުބާރާތެއް ކުޅެން ޔުނައިޓެޑް ތައްޔާރެއް ނޫންކަމަށް އަމޮރިމް ބުނެފައިވާއިރު، ސީޒަނުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ލިބުނީ އެންމެ މޮޅެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި މެންޗެސްޓާ ސިޓީ އަތުން ބަލިވެ، ފުލަމާ އެއްވަރުވިއިރު، ލީގު ކަޕުން ކެޓީ ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުންނެވެ. މޮޅުވީ، އަލަށް ޕްރޮމޯޓްވި ބާންލީ އަތުން ފަހު ވަގުތު ޕެނަލްޓީއެއް ޖަހައިގެންނެވެ.
ސްޕޯޓިންގެ ކުރީގެ ކޯޗު އަމޮރިމް ޔުނައިޓެޑް ލައްވައި ކުޅުވާ 3-4-2-1 ފޯމެޝަނާ މެދު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަކު، އަމޮރިމް ބުނެފައިވަނީ، ޔުނައިޓެޑްގެ ވެރިން ބުނި ކަމުގައި ވިޔަސް އެކަން ބަދަލެއް ނުވާނެ ކަމަށެވެ.
"މިއީ އަހަރެންގެ ވަޒީފާ، އަހަރެންގެ ޒިންމާ، އަހަރެންގެ ދިރިއުޅުން، އެހެންވީމަ، އަހަންނެއް މި ކަމެއް ބަދަލެއް ނުކުރާނެ،" އަމޮރިމް ބުންޏެވެ.
މިދިޔަ ނޮވެމްބަރު މަހު، ސްޕޯޓިން ލިޒްބަން ދޫކޮށް، ޔުނައިޓެޑާ ހަވާލުވި، 40 އަހަރުގެ އަމޮރިމްއާ އެކު އެ ޓީމުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ 15 ވަނައިގަ އެވެ. މިއީ، އެ ކްލަބްގެ ތާރީހުގައި ލީގުގައި އެންމެ ދަށް ސީޒަނެވެ. އަނެއްކޮޅުން، ޔުނައިޓެޑުން ތަށްޓެއް ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ފުރުސަތު އޮތް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.
ޔުނައިޓެޑްގައި އަމޮރިމް އަށް އަދިވެސް މުސްތަގުބަލު އެބައޮތް ކަމަށް އެ ކްލަބްގެ މެނޭޖްމަންޓުން ބުނި ކަމުގައި ވިޔަސް ނަތީޖާ ނުނެރެވޭނަމަ، އެ ޓީމުގައި ހުރެވޭނެ ކަމުގެ ޔަގީންކަން ކުޑަކަމަށް އަމޮރިމް ވެސް އެއްބަސްވެ އެވެ.
ލީގުގައި މިރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޗެލްސީއާ ކުޅޭނެ އެވެ. ޗެލްސީން ޔުނައިޓެޑް ދަނޑުގައި ލީގު މެޗަކުން އެންމެ ފަހުން މޮޅުވީ، 2013 ގެ ކުރިންނެވެ. އެހެން ކަމުން، ޗެލްސީން މި މެޗުގައި ނުކުންނާނީ 12 އަހަރު ތެރޭ ފުރަތަމަ ފަަހަަރަށް ލީގު މެޗަކުން ޔުނައިޓެޑް ދަނޑުގައި މޮޅުވުމުގެ އަމާޒުގަ އެވެ.
Comment