Advertisement

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންތަކަކަށް ކުރާ ޖިނާއީ ދައުވާ ކޯޓަށް ވައްދައިފި

18 ސެޕްޓެންބަރު 2025 - 11:51 2

އަކްރަމް ކަމާލުއްދީން:


އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންތަކަކަށް ކުރާ ޖިނާއީ ދައުވާ ކޯޓަށް ވައްދައިފި

18 ސެޕްޓެންބަރު 2025 - 11:51 2

ޝަރުތު ފުރިހަމަނުވާ ބަޔަކަށް ފްލެޓު ދިން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަކްރާމް ކަމާލުއްދީނުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި އެވެ.

އަކްރަމުގެ އިތުރުން، މުހައްމަދު އާރިފް، އަހުމަދު ވިޝާން ނަސީމް، ލިރުގާމް ވަހީދުގެ މައްޗަށް ވެސް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ޖިނާއީ ދައުވާ އުފުލި އެވެ.

މިދިޔަ ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށްވާ ގެދޮރުވެރިޔާ ސްކީމް ފެށިއިރު އަކްރަމްއަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނާ އިތުރުން ދެން ދައުވާ އުފުލީ ވެސް އެ މިނިސްޓްރީގެ އެކި މަގާމުތަކުގައި ހުންނެވި ބޭފުޅުންގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަކްރަމް އާއި އަނެއް ތިން ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގިނައިން ޕޮއިންޓު ދީފައިވާތީ ކަމަށެވެ. ކުރާ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

"[ދައުވާ ކުރަނީ] ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝަރުތު ފުރިހަމަނުވާ ބަޔަކަށް ފްލެޓު ދިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތުހުމަތު ކުރި ނަމަވެސް އެގޮތަށް ޕޮއިންޓު އިތުރު ކުރީ ކިތައް މީހުންނަށް ކަމެއް ނުބުނެ އެވެ. އަދި ޕޮއިންޓު ދީފައިވާ ގޮތް އުސޫލާ ހިލާފުވާ ސަބަބެއް ވެސް އެ އޮފީހަކުން ނުބުނެ އެވެ.

އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެ ކޮމިޝަނުން އެ ތަހުގީގު ކުރިއަށް ގެންދިޔައީ "އާންމު ފަރުދުންގެ މަސްލަހަތާ ގުޅުން ހުރި" މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ޝަރުތު ފުރިހަމަނުވާ ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގެ އިތުރު ބައިތަކެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ. އެ ބައިތައް ތަހުގީގު ކުރަނީ އެ އޮފީހުގެ ލަފަޔާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންނެވެ.