Advertisement

އަހަރެއް ނުވަނީސް ނިންމުން ބަދަލުކޮށް ކަނޑުއޮތްގިރި އަނެއްކާ ވެސް މިފްކޯއަށް

18 ސެޕްޓެންބަރު 2025 - 14:06 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މުއިއްޒު: ކަނޑުއޮތްގިރި ހޯދަން މިފްކޯއިން އޮތީ އެދިފައި -- ފޮޓޯ: ރައީސް އޮފީސް


އަހަރެއް ނުވަނީސް ނިންމުން ބަދަލުކޮށް ކަނޑުއޮތްގިރި އަނެއްކާ ވެސް މިފްކޯއަށް

18 ސެޕްޓެންބަރު 2025 - 14:06 4

މިފްކޯއިން މަސް ފެކްޓަރީއެއް ހިންގަމުން އައި ކަނޑުއޮތްގިރި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ދިން ފަހުން އަހަރެއް ފާއިތު ނުވަނީސް ނިންމުން ބަދަލުކޮށް އެ ރަށް އަނެއްކާ ވެސް މިފްކޯއަށް ދޭން ސަރުކާރުން ނިންމައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މަސްދަރަކުން ބުނީ މިފްކޯއަށް ކަނޑުއޮތްގިރި އަލުން ދޭން ނިންމީ މީގެ ދެ މަސްދުވަސް ކުރިން ކަމަށެވެ. އެ ރަށް މިފްކޯގެ ދަށުން ވަކިކޮށް އެމްއެންޑީއެފްއާ ހަވާލު ކުރިކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއުލާނު ކުރެއްވީ އޯގަސްޓު 21، 2024، ގަ އެވެ.

އަދަދު އިން ގުޅުމުން މިފްކޯއިން ބުނީ ކަނޑުއޮތްގިރި އަލުން އަނބުރާ ދިނުމަށް މިފްކޯއިން އެދިފައިވާނެ ކަމަށެވެ. އަދި އެ ރަށް ރަސްމީކޮށް މިފްކޯއާ ހަވާލު ނުކުރި ނަމަވެސް ރަށް ބެލެހެއްޓުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީ އިން މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިފްކޯއިން އޮތީ ސަރުކާރުގައި އެދިފައި ބޭނުންވާ ވާހަކަ. އެއީ ސަރުކާރުން ގެނެސްފައި އޮތް ބަދަލާ އެއްކޮށް، ގައުމީ ބާޒާރަށް އުފައްދާ މަހުގެ ބާވަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާތީ،" މިފްކޯގެ ސީނިއާ މެނޭޖަރު ޕީއާރު، ޝިފްޒާ މުސްތަފާ ވިދާޅުވި އެވެ.

މިފްކޯއިން ބުނީ އެ ކުންފުނި ކަނޑުއޮތްގިރިން ފޭބިއިރު، ބޭނުން ކުރެވޭ މެޝިނަރީތައް ރަށުން ބާލާފައިވާނެ ކަމަށެވެ. އަދި އެ ތަކެތި އެހެން މަސް ފެކްޓަރީތަކުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ކަނޑުއޮތްގިރިން ފޭބީ އެ ރަށަށް ވަރަށް ބޮޑު ހަރަދެއް ކުރުމަށްފަހު އެވެ. އެންމެ ބޮޑު ހަރަދެއް ކުރީ އެ ރަށުގެ ބަނދަރު ހެދުމަށެވެ.

އެ މަސައްކަތް ކުރުމަށް 77 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މެއި، 2022, ގަ އެވެ. މިއީ މަސްދޯނިފަހަރަށް ސަލާމަތާއި ރައްކާތެރިކަމާ އެކު ބަނދަރު ކުރެވޭނެ ގޮތަށް ކަނޑުއޮތްގިރީގެ ބަނދަރު ބަދަލުކުރުމަށް ފެށި މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން 125 މީޓަރުގެ އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފަ އެވެ. އެންމެފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ.