18 ސެޕްޓެންބަރު 2025 - 12:38 1
18 ސެޕްޓެންބަރު 2025 - 12:38 1
މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު ފާސް ކުރުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މިނިވަން ހިޔާލާއި ނޫސްވެރިކަމުގެ ހައްގު ނުހިފަހައްޓަން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވެސް ވަނީ ގޮވާލައިފަ އެވެ.
ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން މި ނޫހުގެ ލީވާން އަލީ ނާސިރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ވީނުވީ ތަނެއް ނާންގައި ބެހެއްޓުމަށްފަހު ފުލުހުން އޭނާ ދޫކޮށްލީ ގަޑިއިރުތަކެއް ފަހުންނެވެ.
ފުލުހުން ވަނީ އެއްވި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެރިކޮށް އަމަލުކޮށްފަ އެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން ފުލުހުން އެރި އެވެ. ފުލުހުން އަމަލު ކުރި ގޮތުން ބައެއް ނޫސްވެރިންގެ ގައިން ވަނީ ލޭ އައިސްފަ އެވެ.
އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ ރައީސް މުހައްމަދު މުއިއްޒު ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހު ކުރީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ އެވެ.
މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.
Comment