Advertisement

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހަންނާނު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް ނާޒިމް ވިދާޅުވެއްޖެ

16 ސެޕްޓެންބަރު 2025 - 18:57 0


މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހަންނާނު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް ނާޒިމް ވިދާޅުވެއްޖެ

16 ސެޕްޓެންބަރު 2025 - 18:57 0

މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ. އެކަމަކު ނާޒިމް މިއަދު ވިދާޅުވީ އެއީ ސަރުކާރުގެ ބިލެއް ކަމަށެވެ.

"ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެން ރެގިއުލޭޝަން ބިލުގެ ތިން ވަނަ ކިޔުން އިއްވަން،" ނާޒިމް ވިދާޅުވި އެވެ.

އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ ރައީސް މުހައްމަދު މުއިއްޒު ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.

ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހު ކުރީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ އެވެ.

މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.