16 ސެޕްޓެންބަރު 2025 - 17:58 0
ހަސަން މުހައްމަދު
16 ސެޕްޓެންބަރު 2025 - 17:58 0
މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން އުޅޭ ބިލާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް ހައްޔަރު ކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ދޫކޮށްލަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައިފި އެވެ.
ލީވާންގެ އިތުރުން މުޒާހަރާއިން ހައްޔަރު ކުރި ޓެކްސީ ޑްރައިވަރު ޝާމިން ދޫކޮށްލަން ވެސް ފައްޔާޒް ގޮވާލި އެވެ.
"ލީވާން އާއި ޝާމިން ވަގުތުން ދޫކޮށްލާ. މުހައްމަދު މުއިއްޒަށް ތި ހެއްދެވުނީ ވަރަށް ބޮޑު ގޯހެއް. މަނިކުފާނުގެ ވަގުތު ހަމަވެއްޖެ،" ފައްޔާޒް ވިދާޅުވި އެވެ.
ލީވާން ހުރި ތަނެއް ހޯދުމަށް މި ނޫހުގެ ވަކީލުން މެދުވެރިކޮށް މަސައްކަތް ކުރުމުން ވެސް ލީވާން ހުރި ތަނެއް ބުނަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާ ކަމެކެވެ.
މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.
ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.
އެ ބިލުގެ ރިޕޯޓު މީގެ ކުޑަ އިރުކޮޅެއް ކުރިން ފާސް ކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.
Comment