Advertisement

އިދިކޮޅު މެންބަރުން މުޒާހަރާ ކުރަނިކޮށް މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން ބާއްވާ ޖަލްސާ ފަށައިފި

16 ސެޕްޓެންބަރު 2025 - 17:18 0


އިދިކޮޅު މެންބަރުން މުޒާހަރާ ކުރަނިކޮށް މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން ބާއްވާ ޖަލްސާ ފަށައިފި

16 ސެޕްޓެންބަރު 2025 - 17:18 0

މިނިވަން މީޑިއާ ނެތިކޮށްލުމަށްޓަކައި ބިލެއް ފާސް ކުރަން ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން މުޒާހަރާ ކުރަނިކޮށް ދެންމެ ފަށައިފި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ޖަލްސާ ބާއްވާ ގަޑިއަށް ވުރެ ހަ ގަޑިއިރު ކުރިން މެންބަރުންނަށް އެޖެންޑާ ފޮނުވަން ޖެހެ އެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާ ނެރުނީ މިއަދު ހަވީރު 5:00 ގެ ފަހުންނެވެ. ޖަލްސާގެ އެޖެންޑާގައި އޮތީ މީޑިއާ ނައްތާލާ ބިލުގެ ވާހަކަ އެކަންޏެވެ.

ޖަލްސާ މިހާރު ފަށާފައިވާއިރު ބިލާ ދެކޮޅަށް އިދިކޮޅު މެންބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ މެންބަރުން ނަންތައް ރިޔާސަތުން ދަނީ އިއްވަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަދަދު ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަނިޔާވެރިކޮށް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށް ބަހައްޓާފައި ހުރި ތަނެއް ފުލުހުން ނުބުނެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.