Advertisement

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ ޝަހީބު ކޯޓަށް ހާޒިރުނުވެގެން ހޯދަނީ

14 ސެޕްޓެންބަރު 2025 - 11:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ޝަހީބު: އޭނާ ކޯޓަށް ހާޒިރުނުވެގެން ފުލުހުން ވަނީ ހޯދަން ފަށާފަ ---- ފޮޓޯ: ފުލުހުން


މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ ޝަހީބު ކޯޓަށް ހާޒިރުނުވެގެން ހޯދަނީ

14 ސެޕްޓެންބަރު 2025 - 11:14 0

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ ވެރިޔާ ކަމަށް ފުލުހުން ތުހުމަތުކުރާ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ކޯޓަށް ހާޒިރުނުވެގެން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

އިއްޔެ ކުރި އިއުލާނެއްގައި ފުލުހުން ބުނީ ޝަހީބު ހޯދަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ އެކަން ނުކުރެވިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން އަމުރުކުރުމުން ކަމަށެވެ. ކޯޓުން އަމުރުކޮށްފައިވަނީ މިއަދު ހަވީރު 6:00 އަށް ބަންދުގައި ބަހައްޓައިގެން ޝަހީބު ހާޒިރުކުރުމަށެވެ.

ޝަރީއަތް ނުނިމެނީސް މީގެ ދެ އަހަރު ކުރިން ޝަހީބު ބަންދުން ދޫކޮށްލީ ވެސް ކްރިމިނަލް ކޯޓުންނެވެ.

އޭރު އޭނާ ދޫކޮށްލިއިރު ކޯޓުން ކުރި އެއް ޝަރުތަކީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމެވެ. އަދި، ރަށުން ބޭރަށް ދާން ޖެހޭ ހާލަތެއްގައި ކޯޓުގެ ހުއްދަ ހޯދައިގެން މެނުވީ ނުދިޔުމަށް ވެސް އޭރު ޝަރުތުކުރި އެވެ.

ހުޅުމާލެ ފަޅުތެރެއިން ފެނުނު މަސްތުވާތަކެތީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ޝަހީބު ގުޅުން އޮވެ އެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.

މި މައްސަލާގައި ޝަހީބުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންނަށް ކުރާ ދައުވާތަކަކީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.