11 ސެޕްޓެންބަރު 2025 - 09:22 1
އަހުމަދު އާއިދު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީއާ ސަލާމްކުރައްވަނީ. -- ފޮޓޯ: އެމްއެންޑީއެފް
11 ސެޕްޓެންބަރު 2025 - 09:22 1
ހާމަކުރަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އިންޑިއާގެ އަސްކަރީ އެއްބަސްވުންތަކުގެ ހަމަ އެކަނި ނަން ވެސް ހާމަކޮށްލަ ދެކޮޅު ހަދައިފި އެވެ.
މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި މަހު މިދުއަމް ސައުދު ޑިފެންސް މިނިސްޓްރީގައި އެދިފައި ވަނީ 2018 އިން 2023 ގެ ނިޔަލަށް އިންޑިއާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ލިސްޓަކާއި އެއިން ކޮންމެ އެއްބަސްވުމެއްގެ މުއްދަތެވެ.
އެއިން އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުކޮށްފައިވާނަމަ، އެއްބަސްވުމުގެ ނަމާއި، ސޮއިކުރި ތާރީހު އަދި މުއްދަތު ބުނެދޭން ވެސް އެދިފައިވެ އެވެ. އެއްވެސް އެއްބަސްވުމެއްގައި ތަފްސީލެއް އަދި އޭގެ ކޮޕީއެއް ހޯދަން މިދުއަމް އެދިފައެއް ނެތެވެ.
ނަމަވެސް މިދުއަމް އެދިފައިވާ މައުލޫމާތު ސިއްރުކުރުމަށް ޑިފެންސް މިނިސްޓްރީން ސަބަބެއް ކަމުގައި ދެއްކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22ގެ ށ، 25ގެ ށ، އަދި 29 ވަނަ މާއްދާ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓުމަށް އެއްބަސްވެފައި އޮތުމުގެ ސަބަބުން ދިފާއީ ދާއިރާގެ އެއްބަސްވުންތައް އާ ކުރުމަށް ކުރެވޭ މުއާމަލާތު ވެސް އާންމު ކުރެވޭނީ ދެ ގައުމުގެ ރުހުން އޮވެގެން ކަމަށެވެ.
"އަދި މިފަދަ މައުލޫމާތުތަކަކީ ގައުމީ ސަލާމަތާއި ވެސް، ގުޅުންހުރި މައުލޫމާތު ކަމުގައިވާތީ ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) އާއި، 25, ވަނަ މާއްދާގެ (ށ) އަދި 29, ވަނަ މާއްދާއަށް. ރިއާޔަތް ކުރާއިރު ހާމަކުރެވެން ނެތް މައުލޫމާތެއް. ކަމުގައި ދަންނަވަމެވެ" ޑިފެންސް މިނިސްޓްރީގެ ޖަވާބުގައި ލިޔެފައިވެ އެވެ.
22 ވަނަ މާއްދާގެ ށ. އެ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާނަމަ، ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ މައުލޫމާތު. 25 ވަނަ މާއްދާ ށ. - އެހެން ދައުލަތަކާއެކު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު އޮތް ގުޅުމެއްގެ ތެރެއިން، ނުވަތަ އެއްބަސްވުމެއްގެ ތެރެއިން ނުވަތަ ދެކެވެމުންދާ ވާހަކަތަކެއްގެ ތެރެއިން، ނުވަތަ ބަދަލުކުރެވެމުންދާ ލިޔެކިޔުމެއްގެ ތެރެއިން ހޯދާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ އެނގިފައިވާ މައުލޫމާތު ކަމަށްވުމާއެކު އަދި އެ މައުލޫމާތު ހާމަކުރުމަކީ އެ ދައުލަތަކާއެކު ނުވަތަ އެ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ގާއިމްކޮށްފައިވާ ގުޅުމަށް ނުރަނގަޅު އަސަރުކުރާނެ ކަމަކަށްވުން ނުވަތަ ނުރަނގަޅު އަސަރުކޮށްފާނެ ކަމެއްކަމަށް ބެލެވުން. 29 ވަނަ މާއްދާ - ދިފާއީ ރައްކާތެރިކަން
ޑިފެންސް މިނިސްޓްރީގެ ޖަވާބާމެދު މިދުއަމް އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އެމްޑީޕީ ވެރިކަމުގައި އިންޑިއާގެ އަސްކަރީ އެއްބަސްވުންތައް ހާމަނުކުރުމުން އެ ސަރުކާރުގެ ވެރިންނަކީ ގައްދާރުންކަމަށް ލޭބަލުކޮށް، ޕީއެންސީން ވެރިކަމަށް އައުމަށް ފަހު އެ އެއްބަސްވުންތައް ސިއްރުކޮށް، އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުކޮށްފައިވާ ކަމަށެވެ.
"ތިޔައީ ވެސް ގައްދާރުން. އުސޫލާއި ހަމަ އާއި ގައުމީ ފަހުރު ތިޔަ ވިއްކާލީ ފައިސާ އާއި ބާރާއި މަގާމަށްޓަކައި،" މިދުއާމް ބުންޏެވެ.
ހަމައެކަނި އެއްބަސްވުންތަކުގެ ނަން ހާމަކޮށްލަން ބޭނުން ނުވުމަކީ އެމްޑީޕީ ސަރުކާރަށް ވުރެ ގޯސްވުން ކަމަށް މިދުއަމް ސިފަކުރި އެވެ.
Comment