9 ސެޕްޓެންބަރު 2025 - 20:49 2
އަހުމަދު އާއިދު
ޖައިކާއިން ރާއްޖެއަށް ދިން އެހީގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއެކު މިއަދު ސޮއިކުރަނީ ---- ފޮޓޯ: ޖައިކާ
9 ސެޕްޓެންބަރު 2025 - 20:49 2
ކާރިސާތަކާއި ގުޅޭ ވިލުންތެރިކަން އިތުރުކޮށް، އެފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ މަސައްކަތަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހި ސަރުކާރަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޖައިކާއިން ދިވެހި ސަރުކާރަށް ދޭން އެއްބަސްވެފައިވަނީ 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެވެ. އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޕްލޭނިންގަ އެވެ.
ޖައިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.
ޖައިކާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެހީގެ ދަށުން ގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ، ހާއްސަކޮށް ކާރިސާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ލިބިގަތުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު އެއް މަދަދުގާރެވެ. އެގޮތުން 1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫއުތައް ފާހަގަކުރެވެ އެވެ.
އެ މަޝްރޫއުތަކުގެ ސަބަބުން ޑިސެމްބަރު 2004 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން މިއަދުގެ ރަސްމިއްޔާތުގައި ޖައިކާގެ ޓަކި މޮޓޯ ވަނީ ފާހަގަކުރައްވާފަ އެވެ.
Comment