ފޯޅަވަހި ހޯދަން ދައުވާކުރާނެތޯ އެހުމުން ރައީސް އޮފީހުން ޖަވާބެއް ނުދިން

Sep 9, 2025, 9:17 AM
ޗާގޯސް ޖަޒީރާތަކުގައި އޮންނަ ޑިއޭގޯ ގާސިއާ: އިނގިރޭސި ސަރުކާރުން ވަނީ މި ޖަޒީރާތައް މޮރިޝަސްއާ ހަވާލުކޮށްފައި ---

ޗާގޯސް ޖަޒީރާތަކުގައި އޮންނަ ޑިއޭގޯ ގާސިއާ: އިނގިރޭސި ސަރުކާރުން ވަނީ މި ޖަޒީރާތައް މޮރިޝަސްއާ ހަވާލުކޮށްފައި ---

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިންނާއި ފަހުން ވައުދުވި ގޮތަށް ފޯޅަވަހި އަނބުރާ ހޯދަން ރަސްމީ މަސައްކަތް ފަށަން ސަރުކާރުން ނިންމާފައިވޭތޯ ސާފުކުރަން ރައީސް އޮފީހަށް ހުށަހެޅި އާރުޓީއައިއަށް އެއްވެސް ޖަވާބެއް ނުދިނުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހަޅައިފި އެވެ.

ފޯޅަވަހި ނުވަތަ މުޅި ދުނިޔެ ދަންނަ ގޮތުން ނަމަ ޗާގޯސް އައިލެންޑްސްގެ މައްސަލަ ހިލުނީ އެ ޖަޒީރާތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ނިންމައި، ރާއްޖޭގެ ބަޔެއް ކަމަށް ދިވެހިން ބަލަމުން އައި ކަނޑުގެ ސަރަހައްދުން ބަޔެއް ގެއްލުމުންނެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުން ބަޔެއް ގެއްލުނީ ކަނޑުގެ ސަރަހައްދުގެ ބައިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި، އިކުއިޑިސްޓެންސް ހަމައިގެ ދަށުން ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރަން ނިންމުމާ ގުޅިގެންނެވެ.

މި ނިންމުން ރާއްޖެއާ ދެކޮޅަށް އައީ، މި ސަރުކާރާއި އޭރުގެ ސަރުކާރުން މި މައްސަލައިގައި ވަކާލާތުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ހުރި މީހުން ބުނާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީއަކާ ގުޅިގެންނެވެ.

މި ބުނާ ސިޓީއަކީ ކަނޑު ބައިކުރުމުގެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސްއިން ނިންމި ފަހުން، ޗާގޯސްގެ މައްޗަށް ސިޔާދާތީ ބާރު އޮތް ކަމަށް އދ. ގައި ވޯޓެއް ނަގައިފި ނަމަ، ރާއްޖޭން އެއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބަޔާންކޮށްފައިވާ ސިޓީއެކެވެ. އޭރު އުފެދުނު "ކަނޑު ގެއްލުވާލުމާ ދެކޮޅު" އިއްތިހާދުން ކަނޑު ގެއްލުނީ މި ސިޓީއާ ހެދި ކަމަށެވެ.

އަދުގެ ސަރުކާރު ހިންގާ ޕީއެންސީ އާއި އޭރު އިސްކޮށް އޮތް ޕީޕީއެމްއަކީ މި އިއްތިހާދުގެ ބައިވެރިންނެވެ. އަދި ވެރިކަން ލިބިއްޖެ ނަމަ ކަނޑުން ގެއްލުނު ބައި ހޯދައިދޭނެ ކަމަށް ވައުދުވެ، ވެރިކަމާ ހަވާލުވުމަށް ފަހު ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންކަމުގެ ތެރޭގައި ހިމަނައިގެން މި މަސައްކަތް ފެށި އެވެ.

އެ ގޮތުން އެޓަނީ ޖެނެރަލް އޮފީހުން ބޭރުގެ ވަކީލުންތަކެއް ނަގައިގެން މި މައްސަލަ ދިރާސާކުރަން ފެށި އެވެ. އޭޖީ އޮފީހުން މީގެ ތިން މަސް ކުރިން ބުނީ މި ވަކީލުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ދިރާސާކުރަން އޭޖީ އޮފީހުން އުފައްދާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުންދާ ކަމަށެވެ.

ވިލަރެސް ކޮމިޓީގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު، ކެބިނެޓަށް ހުށަހެޅުމަށް ކެބިނެޓް ޕޭޕަރެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭޖީން ބުންޏެވެ. އަދި މި މަސައްކަތް ނިމުމުން ކެބިނެޓުން ނިންމާ ގޮތެއް އާންމުކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ސަރުކާރުން މި ކަމުގައި ކުރިއަށް ދާން ނިންމާ ގޮތެއް ސާފު ނުވާއިރު، އިނގިރޭސިވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ. މި ތަނަށް އަހަރަކަށް ޖެހޭ ކުއްޔަކީ 101 މިލިއަން ޕައުންޑެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލިއިރު، އެ ތަން ރާއްޖެއަށް ދިނުން މާ ހައްގު ކަމަށް ބުނެ އިނގިރޭސި ސަރުކާރަށް ރައީސް މުހައްމަދު މުއިއްޒުގެ ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. މި ސިޓީ ހިއްސާކޮށްދޭން އެދުމުން މި ސަރުކާރުން ވަނީ އެ ސިޓީ ސިއްރުކުރަން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox