9 ސެޕްޓެންބަރު 2025 - 12:11 4
9 ސެޕްޓެންބަރު 2025 - 12:11 4
ހަމައެކަނި މި ސަރުކާރުން އައްޔަން ކުރި ފަނޑިޔާރުން ހިމަނައިގެން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ހިންގޭނެ މަގެއް ނެތުމުން ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ މެންބަރު ހުސްނީ މުބާރިކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން މި ސަރުކާރުން އައްޔަން ކުރީ ހަތަރު ފަނޑިޔާރުންނެވެ. އަނެއް ތިން ފަނޑިޔާރުން އައްޔަން ކުރީ ކުރީގެ ސަރުކާރުންނެވެ. ސުޕްރީމް ކޯޓަށް އެއްވެސް މައްސަލައެއް ބެލޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް އިންނަވާ މެސެޖިން ގްރޫޕަކަށް ހުސްނީ ފޮނުއްވި މެސެޖެއްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ ސަރުކާރުން އައްޔަން ކޮށްފައިވާ ޖަޖުން މަގާމުތަކުގައި ތިބުމުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"[އެމްޑީޕީން ބޭނުންވި] ގޮތަށް ލީ ޖަޖުން އަދިވެސް ތިބީ މަގާމުގައި. ދުސްތޫރީ މައްސަލައެއް ބަލަން ބެންޗެއް ނެގޭނެ ގޮތެއް ނެތް އޭގެ ޖަޖެއް ނުލައި،" އޭނާ ވިދާޅުވެފައިވެ އެވެ.
ހުސްނީ އެހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގައި ދުސްތޫރީ ދެ މައްސަލައެއް މިހާރު ވެސް މަޑުޖެހިފައި އެބަ އޮތެވެ. އެއީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހެޅި މައްސަލަ އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ވަކި ކުރެވޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ހުއްޓުނީ އެ މައްސަލަ ބަލަމުންދިޔަ ބެންޗުން ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ފަހުން މަގާމުން ވެސް ވަކި ކުރުމުންނެވެ. ސިނާނުގެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާ ހަމައިގަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ ޖުލައި މަހުގެ ތެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment