Advertisement

އިޒްރޭލް އަތުން އިޓަލީ އަށް އުނދަގޫ މޮޅެއް

9 ސެޕްޓެންބަރު 2025 - 07:40 0


އިޒްރޭލް އަތުން އިޓަލީ އަށް އުނދަގޫ މޮޅެއް

9 ސެޕްޓެންބަރު 2025 - 07:40 0

ޑެބްރެޗެން، ހަންގޭރީ (ސެޕްޓެމްބަރު 9) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިޒްރޭލް އަތުން 5-4 އިން އިޓަލީން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި، އިޒްރޭލުގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ ޔޫރަޕްގެ އެކި ގައުމުތަކުގަ އެވެ. އެ ގޮތުން، ރޭ އިޓަލީއާ ދެކޮޅަށް އިޒްރޭލުން ކުޅުނު މެޗު ކުރިއަށްދިޔައީ ހަންގޭރީގަ އެވެ. ރޭގެ މެޗުގައި އިޒްރޭލުން ދެ ފަހަރެއްގެ މަތިން ލީޑުނެގިއިރު، އިޓަލީ މޮޅުވީ ނަތީޖާ އަނބުރާލައި، އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލަކުންނެވެ.

ނަގްޔެޑާއި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، އިޒްރޭލުން ލީޑުނެގީ، 16 ވަނަ މިނިޓްގައި އިޓަލީގެ މެނުއަލް ލޮކަޓެލީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މޮއިސް ކީން، 40 ވަަނަ މިނިޓްގައި އިޓަލީ އަށް އެއްވަރުކޮށްދިންއިރު، ދެ ވަނަ ހާފު ފަށައިގެން ހަތް މިނިޓް ތެރޭ، ޑޯ ޕެރެޓްޒް ވަނީ ލަނޑު ޖަހައި، އިޒްރޭލަށް އަލުން ލީޑުނަގައިދީފަ އެވެ.

އިޒްރޭލުން ދެ ވަނަ ފަހަރަށް ލީޑުނެގިތާ ދެ މިނިޓް ތެރޭ، މޮއިސް ކީން އިތުރު ގޯލެއް ޖަހައި، އިޓަލީ އަށް އެއްވަރުކޮށްދިނެވެ. އަދި މަޓެއޯ ޕޮލިޓާނޯ، މެޗުގައި އިޓަލީ އަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދިންއިރު، ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ، އިޓަލީގެ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، މެޗުގެ 87 ވަނަަ މިނިޓްގައި އިޓަލީގެ އަލެސަންދްރޯ ބަސްޓޯނީ އަތުން ބައިކޮޅަށް ވަން ގޯލާއި ޕެރެޓްޒް، އިތުރު ގޯލެއް ޖަހައި، އިޒްރޭލަށް އެއްވަރުކޮށްދިނެވެ. އިޓަލީ މޮޅުވީ، އިތުރު ވަގުތުގައި ސަންޑްރޯ ޓޮނާލީ ޖެހި ގޯލުންނެވެ.

ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި އޮތް ނޯވޭ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިޓަލީ އަށް ހަތަރު މެޗުން ލިބުނީ ނުވަ ޕޮއިންޓް އެވެ. އަދި، އިޒްރޭލް ތިން ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެސްޓޯނިއާ އަށް ފަސް މެޗުން ތިން ޕޮއިންޓް އަދި ފުލުގައި އޮތް މޮލްޑޯވާ އަށް ހަތަރު މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.