8 ސެޕްޓެންބަރު 2025 - 12:47 0
ވެލާ ޓީމުގެ ކެޕްޓަން މުޑާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް އެމްވީ/ އޭދަފުށި ކައުންސިލް
8 ސެޕްޓެންބަރު 2025 - 12:47 0
ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޭދަފުށި ކަޕް 2025 ގެ އެންމެ ފަހުގެ ޗެމްޕިއަން، ވެލާ ސްޕޯޓްސް ކްލަބުން 10-1 އިން މިޑްލް އީސްޓް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ވެލާއިން މި ފަަހަރުގެ މުބާާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ވަނީ އިރުމަތި އެފްސީ އަތުން 2-0 އިން ބަލިވެފަ އެވެ. އެކަމަކު، އިއްޔެގެ ނަތީޖާއާއެކު އެ ޓީމުން ސެމީ ޔަގިންކޮށްފައިވަނީ، ތިން ޓީމުގެ ގްރޫޕެއްގައި، ތިން ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތަށް ބަލައިގެން ބޮޑު ފަރަގެއް އޮތުމުންނެވެ. އެ ގޮތުން، ވެލާ އަށް ދެ މެޗުން 10 ޕޮއިންޓާ އެކު ފައިދާ ހަތް ގޯލު ލިބިފައިވެ އެވެ.
ދެ ވަނައިގައި އޮތް އިރުމަތި އެފްސީ އެއް މެޗުން ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު އެބައޮތެވެ. މިޑްލް އީސްޓަށް ޕޮއިންޓެއް ނުލިބި ގެއްލުން ނުވަ ގޯލު އެބައޮތެވެ.
އޭދަފުށީ ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ހާފުގައި ވެލާއިން ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ، ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އަލީ ނަސޫހް ރަޝީދު (ޕިލާ)ގެ އިތުރުން މުހައްމަދު ފަޔާޒް އެވެ.
މެޗުގެ ދެ ވަނަ ހާފުގައި، ވެލާގެ ކެޕްޓަން، ހުސައިން ޝަރީފް (މުޑާ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުން ދެން ލަނޑުތައް ޖެހީ އުޒްބެކިސްތާންގެ މިޑްފީލްޑަރު، އަހްރޯރް އުމަރްޖަނޯވް، މުހައްމަދު ޝާން އަބްދުލް ގަފޫރު، އަބްދުލް މަޖީދު (މަޖިއްޓެ)، އަހުމަދު ސުހައިލް (ބަންބުޗް) އަދި އަލީ ރީހާން އެވެ.
މި މެޗުގައި މިޑްލް އީސްޓްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ރުޝްދާން އިބްރާހީމް އެވެ.
ޖުމްލަ ހަ ޓީމާ އެކު، ކުރިއަށްދާ އޭދަފުށީ ކަޕްގެ ގްރޫޕް ބީގައި ހިމެނެނީ، ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ އެވެ.
މުބާރާތުގައި މިއަދި ކުޅޭ މެޗުގައި ވާދަކުރާނީ ހުސް ސޮނގުންނާއި އާޖީލަކަށް އޭދަފުށި އެކަޑެމީއެވެ. ހުސް ސޮނގުން ވަނީ ފުރަަތަމަ މެޗުގައި، ސީސީ އަތުން މޮޅުވެފަ އެވެ.
Comment