Advertisement

ޔުނައިޓެޑުން އޮނާނާ ލޯނަކަށް ދޫކޮށްލަން ނިންމައިފި

8 ސެޕްޓެންބަރު 2025 - 05:22 0


ޔުނައިޓެޑުން އޮނާނާ ލޯނަކަށް ދޫކޮށްލަން ނިންމައިފި

8 ސެޕްޓެންބަރު 2025 - 05:22 0

އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 8) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކެމަރޫންގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ، ލޯން ޑީލެއްގެ ދަށުން ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯންސްޕޯ އަށް ދޫކޮށްލަން ނިންމައިފި އެވެ.

މި ސީޒަނުގައި ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ގޯލު ބެލެހެއްޓީ ތުރުކީގެ އަލްޓޭ ބަޔިންދީރު އެވެ. އޮނާނާ ލައިގެން ޔުނައިޓެޑުން ލީގު ކަޕްގައި ކުޅުނު މެޗުން ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުން އަތުން ބަލިވެ ކެޓިއިރު، ޓްރާންސްފާ ފަހު ދުވަހުގައި، ޔުނައިޓެޑުން ވަނީ ރޯޔަލް އަންޓްވާޕަށް ކުޅޭ ބެލްޖިއަމްގެ ކީޕަރު، ސެން ލަމެންސް ގަނެފަ އެވެ.

އުމުރުން 29 އަހަރުގެ އޮނާނާ އަށް މި ސީޒަނުގައި ޔުނައިޓެޑްގެ ގޯލު ބަލަހައްޓަން ގިނަ މެޗުތަކެއް ނުލިބޭނެކަން ޔަގީންވާތީ، ޓްރަބްޒޯންސްޕޯ އިން ލިބުނު އޮފާ ގަބޫލުކުރަން އޭނާ ވަނީ ނިންމައިފަ އެެވެ. ރިޕޯޓްތައް ބުނާގޮތުން އޮނާނާ ރުހޭނަަމަ، ޔުނައިޓެޑުން އޮތީ އޭނާ ދޫކޮށްލަން ތައްޔާރަށެވެ.

ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑުން ކެމަރޫންގެ ކީޕަރު، އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ. ކުރިން، އަޔަކްސް އަށް ވެސް ކުޅުނު ކީޕަރު އޮނާނާގެ ފަރާތުން ޔުނައިޓެޑްގެ ގިނަ މެޗުތަކެއްގައި ގޯސްތަކެއް ފެނިގެންދިޔައިރު، ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި އޭނާގެ މަގުބޫލު ކަމެއް ނެތްއިރު، އިތުބާރެއް ވެސް ނެތެވެ.