7 ސެޕްޓެންބަރު 2025 - 12:17 0
ހުސް ސޮނގުން ޓީމުގެ ނައްޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭދަފުށީ ކައުންސިލް/ އިމޭޖަސް.އެމްވީ
7 ސެޕްޓެންބަރު 2025 - 12:17 0
ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޭދަފުށި ކަޕް 2025 ގެ ގްރޫޕް ބީގެ ހުސް ސޮނގުން ފުޓްބޯޅަ ޓީމުން 3-2 އިން ސީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފި އެވެ.
އޭދަފުށީ ޓާފް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ދިޔައިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ހުސް ސޮނގުން ލީޑު ނަގާފައި ވަނީ ނަޝާހް އަހުމަދު (ނައްޓު) އަރިމަތިން ފޮނުވާލި ހިލޭ ޖެހުމަކުން ޖެހި ގޯލުންނެވެ.
ފުރަތަަމަ ގޯލާ އެކު، މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ސީސީން ވަނީ ލިބުނު ޕެނަލްޓީއަކުން ސްރީ ލަންކާ ފޯވަޑް ސަންތިޔާ މަރިޔަތުސް ނިތަރުޝާން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ.އޭގެ އަށް މިނެޓް ފަހުން އަނެއްކާ ވެސް ހުސް ސޮނގުން ލީޑުނެގި އެވެ. މިއީ، އަލީ އިރުފާދު ނަގައިދިން ބޯޅައަކުން ސާއިދު އަބޫބަކުރު ޖެހި ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް، ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ ޖެހި ގޯލާއެކު ހުސް ސޮނގުން އިން ލީޑުފުޅާކުރި އެވެ.
ނިތަރުޝާން، ދެ ވަނަ ގޯލެއް ޖަހައި، ސީސީ އަށް އުންމީދެއް ހޯދައިދިން ނަމަވެސް، އިތުރު ގޯލެއް ޖަހައި، އެއްވަރު ނުކުރެވުނެވެ.
އޭދަފުށި ކަޕުގައި މި ފަހަރު ވެސް ވާދަކުރަނީ ހަ ޓީމެކެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާއިރު، ވެލާ ސްޕޯޓްސް ކްލަބާއި އިރުމަތީ އެފްސީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ޓީމް މިޑްލް އީސްޓް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ވެލާ އަތުން ފުރަަަތަމަ މެޗުގައި އިރުމަތި މޮޅުވި އެވެ.
ގްރޫޕް ބީގައި ހުސް ސޮނގުން އާއި ސީސީގެ އިތުރުން ދެން ހިމެނެނީ، އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ އެވެ. މިއަދު ކުޅޭނީ ގްރޫޕް އޭގައި މިޑްލް އީސްޓް އާއި ވެލާގެ މެޗެވެ.
Comment