Advertisement

ސުޕަ ކަޕް ފުރަތަމަ މެޗުގައި ރާއްޖޭން ލަންކާ އަތުން މޮޅުވެއްޖެ

6 ސެޕްޓެންބަރު 2025 - 18:26 0


ސުޕަ ކަޕް ފުރަތަމަ މެޗުގައި ރާއްޖޭން ލަންކާ އަތުން މޮޅުވެއްޖެ

6 ސެޕްޓެންބަރު 2025 - 18:26 0

ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން 3-0 އިން މޮޅުވެއްޖެ އެވެ.

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ. ރާއްޖެ އެންމެ ފަހުން ބައިނަލްއަގުވާމީ މެޗަކުން މޮޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝް އަތުން 1-0 އިންނެވެ. އޭގެ ފަހުން ކުޅުނު ފަސް މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު ޖެހީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ނާއިޒު ހަސަން (ދާދު) ބޮލުންނެވެ. އަދި، އޭގެ ފަހުން، ލަންކާގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ދާދު ދިން ބޯޅައަކުން ދެ ވަނަ ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ދެ ވަނަ ހާފުގައި ލަންކާ އިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެެވެ. އެ ގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން، ލަންކާގެ ސޭމް ޑުރާންޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

އިތުރު ވަގުތުގެ ތެރޭގައި، ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ، އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުން ސެންޓޭ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ..

މި މަހު ނުވަ ވަަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗުން ރާއްޖެ ތިން ގޯލުގެ ފަރަގަކުން ބަލިނުވެއްޖެނަމަ، އެ ޓީމަށް ސުޕަ ކަޕް ޗެމްޕިއަންކަން ލިބޭނެ އެވެ. މިއަދުގެ މެޗަކީ، ރާއްޖޭގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު 23 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖޭން 10 މެޗުން މި ވަނީ މޮޅުވެފަ އެވެ. ލަންކާ އިން އެންމެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.