6 ސެޕްޓެންބަރު 2025 - 12:03 0
6 ސެޕްޓެންބަރު 2025 - 12:03 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު އެކުލަވާލަން ކުރާ މަސައްކަތުގައި ރީޖަނަލް ލީގުތައް ފެށުމަށްޓަކައި، "އެޓޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި ފަށާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދީފި އެވެ.
އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މި އަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި މަހު އެއް ވަނަ ދުވަހަށް ހުޅުވާލި ފުރުސަތު އިތުރުކޮށްދޭން ނިންމުމާ ބެހޭގޮތުން، އެފްއޭއެމް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މި އަހަރު ފެށުމަށް ތާވަލުކޮށްފައިވާ "އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގިނަ ރަށްތަކަކުން ވަނީ މުބާރާތުގައި ބައިވެރިވެފައި ކަމަށެވެ.
"ކުރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ކަމަށްވުމުން، އެރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއް ވެސް އެންޑޯޒްކުރަން ބޭނުންނުވި ބައެއް ރަށްރަށުގެ، ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް މި އެސޯސިއޭޝަނުގައި ދަނީ އެދެމުންނެވެ." އެފްއޭއެމް ބަޔާނުގައިވެ އެވެ.
އެހެންކަމުން، އެފްއޭއެމް އިން ނިންމީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 11 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރުމަށެވެ.
އެހެންކަމުން، "އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް ފޮނުވަން އެފްއޭއެމުން ވަނީ އެދިފަ އެވެ.
މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބަކީ، މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބަކަށް އެ އަށް ފަހު، މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް އަދި މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބެކެވެ. އަދި އެއް ކްލަބަކަށް ވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެފްއޭއެމްއިން ގުރު ނަގައިގެން އެ ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައަޅާނެ އެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ސީޒަން ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
Comment