Advertisement

އެއިޓީން ތާޓީ: ކުއާޓާގެ ޓީމުތައް ޔަގީންވެއްޖެ، އެމްއޭސީއެލް، ޕްރިޒަން އަދި ހެލްތަށް ފުރިހަމަަ ރެކޯޑެއް

5 ސެޕްޓެންބަރު 2025 - 08:14 0


އެއިޓީން ތާޓީ: ކުއާޓާގެ ޓީމުތައް ޔަގީންވެއްޖެ، އެމްއޭސީއެލް، ޕްރިޒަން އަދި ހެލްތަށް ފުރިހަމަަ ރެކޯޑެއް

5 ސެޕްޓެންބަރު 2025 - 08:14 0

ކްލަބް މޯލްޑިވްސްގެ އަންހެން ދެ ވަނަ ޑިވިޝަން މުބާރާތް، ކަމަށްވާ އެއިޓީން ތާޓީ ކްލަސިކްގައި، ހެލްތު ރެކްރިއޭޝަން ކްލަބް، އެމްއޭސީއެލް، ޕްރިޒަން ކްލަބުން ފުރިހަމަ ރެކޯޑަކާ އެކު ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފި އެެވެ.

މުބާރާުތުގެ ރޭގެ މެޗުތަކާ އެކު، ގްރޫޕް ސްޓޭޖުގެ ކުޅުން ވަނީ ނިމިފަ އެވެ. އެ ގޮތުން، 12 ޓީމު ތިން ގްރޫޕަށް ބަހާލައިގެން ކުޅުނު ބުރު ނިމި، ގަދަ އަށް ޓީމު ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. އެއީ، ތިން ގްރޫޕުން އެއް ވަނަ ދެ ވަނަ ޓީމުގެ އިތުރުން، ތިން ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވީ، ގްރޫޕް އޭ އިން ޕްރިޒަން، ގްރޫޕް ބީ އިން ހެލްތު އަދި ގްރޫޕް ސީ އިން އެމްއޭސީއެލް އެވެ. ޕްރިޒަން ފަހު މެޗުގައި ވަނީ، 11-0 އިން ކަސްޓަމްސް ރެކްރިއޭޝަން ބަލިކޮށްފަ އެވެ. އެ ގްރޫޕް އަނެއް މެޗުން، ސްޓެލްކޯ އިން 2-0 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރި އެވެ. ގްރޫޕް ބީގައި، ޓީމު ދަރުމަވަންތަ އަތުން ޓީމު ބަދަހި ވަނީ 2-0 އިން މޮޅުވެފަ އެވެ. ގްރޫޕް ސީގައި އެމްއޭސީއެލް އިން ވަނީ 10-0 އިން އޭސީސީ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން އެސްޓީއޯ އާއި ކުޅިވަރު ވުޒާރާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ޕްރިޒަން އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އައިޝަތު ޝަރުމާ ހެޓްރިކެއް، އައިމިނަތު ފަޒްލާ އާއި އިނާން އަހުމަދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު، އަނާ އަލީ، ހާޖަރާ އަހުމަދު، އައިޝަތު ނައިހާ އަދި އައިޝަތު ލަމްސް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ހުޅުމާލެ ހޮސްޕިޓަލް ކޮޅަށް ސްޓެލްކޯ އިން ރޭގެ މެޗުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ އައިމިނަތު ރިސާލާ އެވެ.

ޓީމު ދަރުމަވަންތަ އަތުން ބަދަހި މޮޅުވިއިރު، ގޯލުތައް ޖެހީ، އައިމިނަތު ރިފްގާ މުހައްމަދު ރަޝީދު އާއި އައިމިނަތު ހަސަން އެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ އެމްއޭސީއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ފިރުޝާނާ ނަސީރު ހަތަރު ގޯލާއި އާޒިނާ އަބްދުލް މަތީން ހެޓްރިކެއްގެ އިތުރުން، މިލްނާ އިބްރާހިމް، އައިޝަތު މާހިދާ އަދި މަހްޔާ އިބްރާހިމް މުއީން އެވެ. މި ގްރޫޕްގައި އެސްޓީއޯ އިން ކުޅިވަރު ވުޒާރާއާ އެއްވަރުވި މެޗުގައި، އެސްޓީއޯގެ ލަނޑުތައް ޖެހީ، ޝިޔާނާ އަހުމަދު ޒުހައިރު އާއި އައިމިނަތު ޝައްފަ އެވެ. އަދި ކުޅިވަރު ވުޒާރާގެ ލަނޑުތައް ޖެހީ، ޝާނިޔާ އަހުމަދު ނިޒާމް އާއި ހަދީޖާ ހަސަން އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހު އަށް ވަނަ ދުވަހުގެ ރޭގަ އެވެ. ކުއާޓާގައި ޕްރިޒަން ކްލަބުން ހުޅުމާލެ ހޮސްޕިޓަލާ ކުޅޭއިރު، ހެލްތުން ނުކުންނާނީ ކުޅިވަރު ވުޒާރާއާ ދެކޮޅަށެވެ. އަދި، އެމްއޭސީއެލް އިން ބަދަހިއާ ބައްދަލުކުރާއިރު، ސްޓެލްކޯ އިން ވާދަކުރާނީ އެސްޓީއޯ އެވެ.