5 ސެޕްޓެންބަރު 2025 - 06:46 0
5 ސެޕްޓެންބަރު 2025 - 06:46 0
ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 5) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ތަށި ދިފާއުކުރަން، އިޓަލީގެ ޖަނިކް ސިނާ ވަރުގަދަ ކުޅުމަކާ އެކު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެންމެ ފަހުގެ ޔޫއެސް އޯޕަން ޗެމްޕިއަން، ސިނާ، މި ފަހަރުގެ މުުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ ކެނަޑާގެ ފެލީކްސް އޯގާ-އަލިއަސީމޭއާ އެވެ. ސިނާ ވަނީ ކުއާޓާ ފައިނަލުގައި އިޓަލީގެ ލޮރެންޒޯ މުސެއްޓީ ބަލިކޮށްފަ އެވެ.
ދުނިޔޭގެ ރޭންކިން 10 ވަނައިގައި އޮތް މުސެއްޓީ އަތުން މޮޅުވިއިރު، ސިނާ، 24، މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-1، 6-4 އަދި 6-2 އިންނެވެ. މުސެއްޓީ އަށް މެޗުގެ ތެރެއަށް ވަންނަން މާ ބޮޑު ފުރުސަތެއް ނުދީ ސިނާ ވަނީ ވަރުގަދަ ކުޅުމެއް ދައްކައި މި މެޗުން މޮޅުވެފަ އެވެ.
މި ފަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސިނާ ބުނީ، ޔޫއެސް އޯޕަން އަށް ވަރުގަދަ އަށް ތައްޔާރުވުމަށްޓަކައި، މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވި އޭގެ ނަތީޖާ ވެސް ފެނިގެންދިޔައީ ރަނގަޅަށް ކަމަށެވެ.
ފަނަރަ އަހަރު ތެރޭގައި ގްރޭންޑްސްލޭމް ފައިނަލެއްގައި ކުޅުނު ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ، ޓޭލާ ފްރިޓްޒް އަތުން، މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި، ސިނާ މޮޅުވީ، 6-3 6-4 7-5 އިންނެވެ. ސިނާ އެ މުބާރާތުގައި ކުޅެފައިވަނީ، މަނާ ބޭހަށް ޕޮޒިޓިވްވި މައްސަލައެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި އައިސް މަދު ތައްޔާރީތަކަށް ފަހު އެވެ. އެ މައްސަލަައިގައި މި އަހަރު ސަސްޕެންޝަންގެ ތިން މަހުގެ މުއްދަތެއް ހޭދަކޮށް، ސިނާ ވަނީ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ފައިނަލުގައި ކުޅެފަ އެވެ.
ޔޫއެސް އޯޕަން ސެމީ ފައިނަލަށް މިރޭ ނުކުންނައިރު، ސިނާ ވަނީ ހާޑް ކޯޓުގައި އެންމެ ފަހުން ކުޅުނު 26 މެޗުން ވެސް މޮޅުވެފަ އެވެ. ސެމީ ފައިނަލުން މޮޅުވެއްޖެނަމަ، ސިނާ ފައިނަލުގައި ކުޅޭނީ އަނެއް ސެމީގައި، ނޮވަކް ޖޮކޮވިޗާއި ކާލޯސް އަލްކަރާޒް ބައްދަލުކޮށް މޮޅުވާ ކުޅުންތެރިޔަކާ އެވެ.
Comment