4 ސެޕްޓެންބަރު 2025 - 14:04 0
އަމަން ހަލީމް
ުހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީކުރަން ފެށި ސިޓީ ހޮޓާ: މި ތަނަކީ އެމެރިކާގެ ކާލްސަން ގްރޫޕާ ގުޅިގެން އެސްޓީއޯއިން ކުރި އިންވެސްޓުމަންޓެއް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
4 ސެޕްޓެންބަރު 2025 - 14:04 0
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މީގެ 13 އަހަރު ކުރިން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ސިޓީ ހޮޓާ 20 މިލިއަން ޑޮލަރުގައި އަގުކޮށް، ބަދަލުގައި ބިމެއްދޭ ގޮތަށް އެ މުއާމަލާތް ރަސްމީކޮށް ނިންމައިފި އެވެ.
މިއީ އެސްޓީއޯގެ ބޯޑުން 2006 ގައި ނިންމި ނިންމުމެއްގެ ދަށުން އެ ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ ޑޮލަރު ހޯދަން ވެގެން ފެށި މަސައްކަތެކެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހުޅުމާލޭން ހޯދީ 2007 ގަ އެވެ. އަދި "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2012 ގަ އެވެ.
މަސައްކަތް ފެށިތާ ކައިރީގައި މި ހޮޓަލުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދިޔަ ނަމަވެސް، އިމާރާތުގެ ސްޓްރަކްޗާ މަސައްކަތް ނިމުމަށް ފަހު މަސައްކަތް ހުއްޓުމަކަށް އަ އެވެ. އެ ފަހުން އެ ހޮޓަލުގެ މަސައްކަތް ނުނިމި، އެސްޓީއޯއަށް އައީ ބޮޑު ގެއްލުމެއް ވަމުންނެވެ.
މި ގޮތުން ކުރެވުނު މަސައްކަތުގެ ދަށުން މި ހޮޓާ ވިއްކާލެވޭތޯ އެސްޓީއޯގެ މެނޭޖުމަންޓުތަކުން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ރެޑިސަންއާ އެކީ ސޮއިކުރި އެއްބަސްވުމުގައި ހުރި ބައެއް ކަންތައްތަކުގެ ސަބަބުން އިންވެސްޓަރަކު ހޯދަން ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ.
އެންމެ ފަހުން މިކަން ހައްލުކުރީ ހޮޓާ ތަރައްގީކުރަން ކުއްޔަށް ނެގި ބިމުގެ ވެރިފަރާތް ކަމުގައިވާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ތަން ދޫކޮށްލައި، ބަދަލުގައި ބިމެއް ނަގާ ގޮތަށެވެ.
މިކަން އިއުލާނުކުރަމުން އެސްޓީއޯގެ އެންމެ ފަހުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ބުނީ އެ ހޮޓަލުގެ ބަދަލުގައި ދެނީ ހުޅުމާލޭ ފޭސް ތިނަކުން 40،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. ނަމަވެސް މިއަދު އެސްޓީއޯއިން ކުރި އިއުލާނުގައި ބުނީ، ބިން ލިބުނީ ފޭސް ދޭކުން ކަމަށެވެ. ނަމަވެސް އެ ބިން ހަމަޖެހުނީ ކޮން ސަރަހައްދަކުން ކަމެއް ނުބުނެ އެވެ.
އެޗްޑީސީން ވަނީ މި ހޮޓަލާ ހަވާލުވުމަށް ފަހު، މި ތަން ވޯލްޑް އޮފް ބިޒްނަސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މެންހަޓަން ބިޒްނަސް ހޮޓާ ހިންގާ ކުންފުނީގެ ހިއްސާދާރަކާ ގުޅުން އޮންނަ މި ކުންފުންޏަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުނިންނެވެ.
ފަސް ތަރީގެ ފެންވަރުގައި ތަރައްގީކޮށް މި ހޮޓާ ހުޅުވަނީ "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގަ އެވެ. ވާލްޑް އޮފް ބިންޒަސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތަރު ކެޓެގަރީއެއްގެ ޖުމްލަ 158 ކޮޓަރި ހުންނާނެ އެވެ. އަދި މަތީ ފަންތީގެ ހޮޓާތަކުގައި ހުންނަ ހުރިހާ ވަސީލަތެއް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
މި ތަނުގެ ބައެއް ފަންގިފިލާތައް ހާއްސަކުރަނީ ސަރުކާރުގެ ބޭނުންތަކަށެވެ. މި ތަންތަން ހާއްސަކުރަނީ މީޑިއާ ވިލެޖާއި ތަރިކަ ކޮލެޖާއި އެމްއެންޔޫ މެޑިކަލް ސްކޫލުގެ އިތުރުން ޔޫތު ސެންޓަރަށް ހާއްސަ ޖާގައެއް ކަނޑައަޅާނެ އެވެ.
Comment