Advertisement

ނިޒާރު މަޖިލިހީގެ ގޮނޑި ހޯދަން އަމިއްލަ ޖީބުން 890،000ރ. ހަރަދުކުރި، ޕީއެންސީން 200،000ރ. ދިން

4 ސެޕްޓެންބަރު 2025 - 10:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު: ނިޒާރު މަޖިލިހީގެ ގޮނޑި ހޯދަން އަމިއްލަ ޖީބުން 890،000ރ. ހަރަދުކުރިކަން އެނގެން އެބަހުރި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ނިޒާރު މަޖިލިހީގެ ގޮނޑި ހޯދަން އަމިއްލަ ޖީބުން 890،000ރ. ހަރަދުކުރި، ޕީއެންސީން 200،000ރ. ދިން

4 ސެޕްޓެންބަރު 2025 - 10:11 0

ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ހިމެނޭ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު މަޖިލީހުގެ ކެމްޕޭނަށް އޭނާގެ އަމިއްލަ ޖީބުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން އެނގިއްޖެ އެވެ.

މިދިޔަ އަހަރު ބޭއްވި މަޖިލީހުގެ ކެމްޕޭނަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހިމެނޭ ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ އާންމުކޮށްފަ އެވެ. އެ ބަޔާނަށް ބަލާއިރު ނިޒާރުގެ ކެމްޕޭނަށް ޖުމްލަ 1.1 މިލިއަން ރުފިޔާ ލިބުނެވެ.

އެއީ އޭނާގެ އަމިއްލަ ފައިސާ ކަމަށް ބުނާ 890،000ރ. އާއި ވަކިވަކި ފަރުދުންގެ ފަރާތުން ލިބުނު 10،000ރ. އާއި ޕީއެންސީން ލިބުނު 200،000ރ. އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ނިޒާރަށް ދިން ފައިސާގެ އަދަދަކީ އިންތިހާބުތަކާއި ބެހޭ ގާނޫނާއި ހިލާފަށް ދީފައިވާ އަދަދެކެވެ. ގާނޫނު ބުނާގޮތުން ގާނޫނީ ޝަހުސަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ އިންތިހާބާއި ގުޅިގެން ހަރަދުކުރެވޭނެ އެންމެ މަތީ އަދަދުގެ ދެ އިންސައްތަ އެވެ.

ފޭދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަކަށް ސިޔާސީ ޕާޓީއަކުން ދެވޭނެ އެންމެ ބޮޑު އަދަދަކީ 119،400ރ. އެވެ. މިކަމާއި ގުޅިގެން ޕީއެންސީއަށް ނުވަތަ ކެންޑިޑޭޓަށް އީސީ އިން ފިޔަވަޅެއް އެޅިކަމެއް ސާފެއް ނޫނެވެ. އެކަން އިއުލާނެއް ނުކުރެ އެވެ.

މާލީ ބަޔާން ހުށަނާޅާ ފަސް މެންބރުންގެ ތެރޭގައި ނިޒާރު ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މީޑިއާ ބިލު ފާސްކުރަން އޭނާ ވަނީ ރޭ ގޮވާލާފަ އެވެ.

މިކަމާ ހިތްހަމަޖެހިވަޑައިނުގެން ނިޒާރުގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވަމުން މައްސަލައަކަށް ނެންގެވީ މީޑިއާތަކުން މީގެ ކުރިން ނުދޭ ސަމާލުކަމެއް ދީގެން މެންބަރުންގެ މާލީ ބަޔާންތަކުގެ ވާހަކަތައް ރިޕޯޓުކުރުމެވެ.

"ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރެއް ނޫން. ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލުއުފެދޭ،" ނިޒާރު ލިޔުއްވާފައި ވެ އެވެ.

ނިޒާރު މި ގޮތަށް ތުހުމަތުކުރެއްވި ނަމަވެސް، މެންބަރުންނާއި ވަޒީރުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށި ފަހުން މީޑިއާތަކުން އަބަދު ވެސް ހަބަރުތައް ގެނެސްދެ އެވެ. އަދި މާލީ ބަޔާން ހާމަނުކުރާ މެންބަރުންނާއި ވަޒީރުންގެ ހަބަރުތައް މީގެ ކުރިން ވެސް ގިނަ މީޑިއާތަކުގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.