Advertisement

މެންބަރު ސިނާނުގެ މާލީ ބަޔާނުގައި އޮޅުވާލުންތަކެއް، ލިބުނު އާމްދަނީ އާއި ލޯނަށް ދެއްކި ފައިސާގެ އަދަދު ދިމާނުވޭ!

3 ސެޕްޓެންބަރު 2025 - 14:24 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން: އޭނާގެ މާލީ ބަޔާނުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މެންބަރު ސިނާނުގެ މާލީ ބަޔާނުގައި އޮޅުވާލުންތަކެއް، ލިބުނު އާމްދަނީ އާއި ލޯނަށް ދެއްކި ފައިސާގެ އަދަދު ދިމާނުވޭ!

3 ސެޕްޓެންބަރު 2025 - 14:24 3

ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މައްސަލައެއް ބަލަމުންދާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ މާލީ ބަޔާނުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

މީގެ ދޮޅު އަހަރު ކުރިން ހޮވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް، މަޖިލިސް އިދާރާއިން ހާމަކުރަން ފެށީ މިއަދު އެވެ. އެ ބަޔާންތަކުގައި ވަނީ މެއި 28، 2024 އިން ފެށިގެން މެއި 27، 2025 އާއި ހަމައަށް މެންބަރުން އަތުގައި ހުރި ފައިސާ އާއި ދަރަނި އަދި މުދަލުގެ ތަފުސީލުތަކެވެ.

އެ މުއްދަތުގައި ސިނާން އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ އާމްދަނީ އަކީ 1.6 މިލިއަން ރުފިޔާ އެވެ. އެއީ މުސާރައިގެ ގޮތުގައި ލިބުނު 906،773.69ރ. އަދި ވިޔަފާރި ނަފާގެ ގޮތުގައި ލިބުނު 675،000ރ. އެވެ. މާލީ ބަޔާން ދިން އިރު ސިނާނުގެ އެކައުންޓުތަކުގައި އެންމެ ހާހެއްހާ ރުފިޔާ ވެސް ނެތެވެ.

މާލީ ބަޔާނުގައިވާ ގޮތުން، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސިނާން ވަނީ އަމިއްލަ ނަމުގައި އޮތް ދެ ލޯނަކަށް ފައިސާ ދައްކާފަ އެވެ. އޭގެ ތެރެއިން އެސްޑީއެފްސީ އިން 2022 ގައި ނެގި މިލިއަން ރުފިޔާގެ ލޯނަށް އެ އަހަރުގެ ތެރޭ އޭނާ 53،631ރ. ދެއްކި އެވެ. އަދި، އިސްލާމިކް ބޭންކުން ދެއްކި ނަގާފައި އޮތް 5.5 މިލިއަން ރުފިޔާގެ ލޯނެއް ދައްކާ ހަލާސް ކުރި އެވެ.

އެހެންކަމުން ބަޔާނުގައި ހިމަނާފައިވާ އެއް އަހަރުގެ މުއްދަތުގައި ލޯނު ދެއްކުމަށް ސިނާން ވަނީ ޖުމްލަ 5.6 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭނާއަށް ލިބުނު 1.6 މިލިއަންގެ އާމްދަނީ އެކީހެން ބޭނުންކުރި ނަމަވެސް، ލޯނުތައް ދެއްކުމަށް އިތުރު ހަތަރު މިލިއަން ރުފިޔާ ބޭނުންވާނެ އެވެ. ސިނާން އެ ފައިސާ ހޯދި ގޮތެއް މާލީ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.

ސިނާންގެ އަމިއްލަ ނަމުގައި އޮތް ލޯނަކީ 2020 ގައި އޭނާ މަސް ދޯންޏެއް ގަތުމަށް ނެގި ލޯނެއްކަން މާލީ ބަޔާނުން އެނގެ އެވެ. އޭނާއަށް ވިޔަފާރީގެ ނަފާ ލިބުނީ އެ ދޯނިންނެވެ.

މީގެ އިތުރުން ވެސް ސިނާނު އެހެން ބަޔަކާއެކު ނެގި ލޯނެއްގެ މައްސަލަ މި އަހަރު ތެރޭ ފެންމަތިވި އެވެ. ސުޕްރީމް ކޯޓުން ބަލަމުންދަނީ އެ ލޯނުގެ މައްސަލަ އެވެ.

ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. ލޯނު ދެއްކުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024، ގައި ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ނަމަވެސް ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން މި ފައިސާ ދައްކާފައިނުވާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ސިނާނުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައިގައި ހިމެނޭ ފައިސާ މިހާރު ވަނީ ދައްކައި ހާލާސްކޮށްފައިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެ ފައިސާ ދެއްކީ ނަގުދު ފައިސާއިން ކަމާއި ބޭންކަށް އެ ފައިސާ ދައްކަން ދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން ކަން ވެސް އެނގިފައިވެ އެވެ.