3 ސެޕްޓެންބަރު 2025 - 06:57 0
3 ސެޕްޓެންބަރު 2025 - 06:57 0
ނޭޕްލްސް (ސެޕްޓެމްބަރު 3) - މެންޗެސްޓާ ޔުނައިޓުން ބޮޑު އަގުދީފައި ގަތް ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ އަށް ވުރެން އޭނާ މޮޅުވާނެ ކަމަށް ޔުނައިޓެޑުން ލޯނަކަށް ނަޕޯލީ އަށް ދޫކޮށްލި ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލުންޑް ބުނެފި އެވެ.
އާރްބީ ލައިޕްޒިގުގައި ހުރި ސެސްކޯ ގަންނަން ޔުނައިޓެޑުން 85 މިލިއަން ޑޮލަރު ހަރަދުކުރެ އެވެ. ޔުނައިޓެޑްގައި ފުރަތަމަ ތިން މެޗުން ސެސްކޯ އަށް ރަނގަޅު ކުޅުމެއް ނުދެއްކި ވަނީ ފާޑުކިޔުމާ ކުރިމަތިލާންޖެހިފަ އެވެ. ޔުނައިޓެޑުން ވަނީ ސެސްކޯ އަށް ޖާގަ ހަދައިދޭން، ހޮއިލުންޑް ލޯނަކަށް އިޓަލީގެ ޗެމްޕިއަން ނަޕޯލީ އަށް ދޫކޮށްލައިފަ އެވެ. ނަޕޯލީން ބޭނުންނަމަ، މި ސީޒަން ނިންމާފައި، 50 މިލިއަން ޑޮލަރަށް ހޮއިލުންޑްގެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ.
ދި އެތުލެޓިކުން ރިޕޯޓްކުރާ ގޮތުގައި ހޮއިލުންޑް، 22، ވަނީ ޔުނައިޓެޑުން އޭނާ ދޫކޮށްލި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި، ޔުނައިޓެޑުން އޭނާ ދޫކޮށްލަނީ ސެސްކޯ ގެންނަން ކަން އެނގޭތީވެ، ހޮއިލުންޑް ވަނީ، ސެސްކޯ އަށް ވުރެން މޮޅުވާނެ ކަމަށް ވެސް ޔުނައިޓެޑްގެ އޮފިޝަލުންގެ ގާތުގައި ބުނެފަ އެވެ.
މީގެ އެއް އަހަރު ކުރިން، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑަށް ސޮއިކުރި، ހޮއިލުންޑް، ދެ އަހަރު ތެރޭ ވިއްކާލަން ޔުނައިޓެޑުން ނިންމީ، އެކަށީގެންވާ ކުރިއެރުމެއް ފެނިފައިނުވާތީ އެެވެ. ހޮއިލުންޑް ވަނީ ޔުނައިޓެޑަށް ކުޅެދިން 95 މެޗުން 25 ލަނޑު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
Comment