3 ސެޕްޓެންބަރު 2025 - 05:42 0
ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީ މުބާރާތުގައި ޕްރިޒަން ކްލަބުން ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ
3 ސެޕްޓެންބަރު 2025 - 05:42 0
ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތެއް ކަމަށްވާ އެއިޓީން ތާޓީ ކްލަސިކްގައި، ހެލްތު ރެކްރިއޭޝަން ކްލަބް، އެމްއޭސީއެލް، ޕްރިޒަން ކްލަބުން ކުޅުނު ދެ ވަަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
އެ ގޮތުން، ގްރޫޕް އޭގައި ޕްރިޒަން ފުރަތަމަ ކުޅުނު މެޗުން ވަނީ ހުޅުމާލޭ ހޮސްޕިޓަލް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ސްޓެލްކޯ އަތުން ރޭ މޮޅުވީ 2-0 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ހުޅުމާލެ ހޮސްޕިޓަލް އިން ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަތުން 4-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި، ޕްރިޒަން ދެ މެޗުން ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، އެ ޓީމަށް އަނެއް ބުރުގެ ޖާގަ ވަނީ ޔަގީންވެފަ އެވެ. އަދި އަނެއް ޖާގަ އަށް ވާދަކުރަނީ، މި ވަގުތު ތިން ޕޮއިންޓާ އެކު އޮތް ސްޓެލްކޯ އާއި ހުޅުމާލެ ހޮސްޕިޓަލް އެވެ.
ޕްރިޒަން އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އައިޝަތު ޝަރުމާ އާއި އައިމިނަތު ފަޒްލާ އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ގޯލުތައް ޖެހީ، ހައްވާ ނިޝާމާ އާއި ފާތިމަތު ޝިއުނާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.
ގްރޫޕް ބީގައި ފުރަތަމަ މެޗުން، ޓީމު ދަރުމަވަންތަ އަތުން 8-0 އިން މޮޅުވި، ހެލްތުން ރޭގެ މެޗުގައި ޓީމު ބަދަހި އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، ހެލްތަށް ވެސް ވަނީ އަނެއް ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. ހެލްތަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ، ފަލާހާ ހުސެއިން ފުޅު އެވެ.
ގްރޫޕް ސީގައި، އެމްއޭސީއެލް އިން ރޭ ވަނީ އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަތުން 4-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު އެމްއޭސީއެލް އަނެއް ބުރުން ޖާގަ ހޯދިއިރު، އެ ޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގައި ރޭ ކުޅިވަރު ވުޒާރާ ކްލަބުން ވަނީ 6-0 އިން އޭސީސީ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ.
އެމްއޭސީއެލް އަށް ރޭގެ މެޗުގައި، އާޒިނާ އަބްދުލް މަތީން ހެޓްރިކެއް ހަދައިދިންއިރު، ފުރަތަމަ ދެ މެޗުން އޭނާ ވަނީ ހަތް ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި އެމްއޭސީއެލްގެ އަނެއް ލަނޑު ޖެހީ ފިރުޝާނާ ނަސީރު އެވެ. އެސްޓީއޯގެ ހަމައެކަނި ލަނޑު ޖެހީ، އައިމިނަތު ޝަފްނާ އެވެ. ކުޅިވަރު ވުޒާރާ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ، އައިޝަތު އަބްދުލް ރައްޒާގު ހަތަރު ގޯލާއި ޝާނިޔާ އަހުމަދު ނިޒާމް އަދި ހަދީޖާ ހަސަން ގޯލެކެވެ.
Comment