Advertisement

ޝައްފާން އެނބުރި އައިސް ގައުމީ ތަށި ތިން ވަނަ ފަހަރަށް ހޯދައިފި

31 އޮގަސްޓު 2025 - 00:50 0

ޝައްފާން ގައުމީ ތަށި ހިފައިގެން: މިއީ ޝައްފާން ގައުމީ ތަށި ހޯދި ތިން ވަަނަ ފަހަރު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ޝައްފާން އެނބުރި އައިސް ގައުމީ ތަށި ތިން ވަނަ ފަހަރަށް ހޯދައިފި

31 އޮގަސްޓު 2025 - 00:50 0

ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދު އަތުން މޮޅުވެ، ގައުމީ މުބާރާތަށް އެނބުރި އައި މުހައްމަދު ޝައްފާން އިސްމާއިލް ތިން ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގައުމީ ޓީޓީ މުބާރާތުގެ ޗެމްޕިއަންކަން، 2022 އާއި 2023 ވަނަ އަހަރު ހޯދި ޝައްފާން، މިދިޔަ އަހަރުގެ މުބާރާތުގައި ފެނިގެންނުދެ އެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރު ޝައްފާން އަށް ގައުމީ މުބާރާތް ގެއްލުނުއިރު، 11 ފަަހަރު ޗެމްޕިއަންކަން ހޯދި މުންސިފް ބަލިކޮށް ޗެމްޕިއަންކަން ހޯދީ، އަހްޔާރު އަހުމަދު ހާލިދު އެވެ.

ހެންވޭރު މުނިއުފާ، ގައުމީ ޓީޓީ ހޯލުގައި ކުޅުނު މި އަހަރުގެ ގައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި، ޝައްފާން ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. މުންސިފް ވަނީ ފުރަތަމަ ސެޓު، 13-11 އިން ގެންގޮސްފަ އެވެ. ފަހަތުން އަރައި ޝައްފާން މޮޅުވިއިރު، ކޮންމެ ސެޓެއް ވެސް ދިޔައީ ވަރަށް ޗެލެންޖިން ކޮށެވެ. އެ ގޮތުން، ސެޓުތައް ގޮސްފައިވަނީ، 7-11، 11-13، 8-11 އަދި 16-18 އިންނެވެ. ފަހު ސެޓުގައި ފެނިގެންދިޔައީ، ފަހުގެ ތާރީހުގައި ގައުމީ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ކުޅުމެވެ.

މި ނަތީޖާއާ އެކު މުންސިފް މި ވަނީ ޖެހިޖެހިގެން ހަތަރު ގައުމީ ފައިނަލުގައި ބަލިވެފަ އެވެ.

އެއް ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ޝަައްފާން އާއި އިބްރާހިމް އައުޒަމް އަޒީމް ބަލިކޮށް ހޯދީ މުންސިފް އާއި މުހައްމަދު ޒީސްތު ނަސީމްގެ ޕެއާ އެެވެ. މިކްސް ޑަބަލްސް އިން ރަނަަރަޕަށް ދިޔައީ ފާތިމަތު ދީމާ އަލީ އާއި ޝައްފާންގެ ޕެއާ އެވެ.

ގައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އައްޔޫބް އިޒްކާން ސަލީމް އެވެ. ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު އާލް އިމްރާން ހޯދިއިރު، އޭނާ އަތުން ބަލިވި މުހައްމަދު ހަލަފް ރާފިއުއާ އެއް ޕެއާ އަކަށް ކުޅެ، އާލް ވަނީ މި އުމުރުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އާލް ބަލިކޮށް، ހަލަފް ހޯދިއިރު، މި އުމުރުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނަކީ، ހަލަފް އާއި އައުން އިބްރާހިމް ލަތީފް އެވެ. އަދި މިކްސް ޑަބަލްސް ޗެމްޕިއަނަކީ، ހަލަފް އާއި އައިޝަތު އަލްސާ ނާފިޒު އެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަަނަކީ، ޒީކް ހަސަން ލަތީފް އެވެ. އެއް ވަނަ ޓީމަކީ، އިހާ ޓޭބަލް ޓެނިސް އެކަޑަމީ އެވެ.

ވެޓަރަންސް ބައިގެ ޗެމްޕިއަންކަމާއި ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޗެމްޕިއަނަކީ، އިސްމާއިލް މަޒްހަމް އެވެ.