26 އޮގަސްޓު 2025 - 12:00 0
އަހުމަދު އާއިދު
ރައީސް މުއިއްޒު، އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން އާއެކު މަކުނުދޫގައި: އެރަށު އެއާޕޯޓު ތަރައްގީ ކުރުމަށްފަހު ހިންގާނީ އެމްއޭސީއެލް ---- ފޮޓޯ: ރައީސް އޮފީސް
26 އޮގަސްޓު 2025 - 12:00 0
ރާއްޖޭގެ އެންމެ ހުޅަނގުން އޮންނަ ހދ. މަކުނުދޫ ފަޅުން ބިން ހިއްކުމާއި އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުގެ ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު ހދ. ގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. މި މަޝްރޫއަށް ހަރަދުވާނެ ފައިސާގެ އަދަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އެ މަޝްރޫއުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއަށް ބޭނުންވާ ބިމާއި އިޖްތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއާޕޯޓް އެޅުމަށްފަހު އެތަން ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާ އެވެ.
މަކުނުދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މަކުނުދޫ އަކީ އެކަހެރިކޮށް، އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެއް ކަމަށާއި ދަތުރުފަތުރު ކުރުމުގައި އެ ރަށުގެ ރައްޔިތުންނަށް އެތައް އުނދަގުލެއް ކުރިމަތިވަމުންދާ ކަމަށެވެ.
"މި ރަށުގަ އެއާޕޯޓެއް ގާއިމުކުރުމަކީ ޒަރޫރީ ކަމެއް. ކޮންމެހެން ކުރަންޖެހޭ ކަމެއް ގޮތުގަ އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވީމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" މުއިއްޒު ވިދާޅުވި އެވެ.
އެއާޕޯޓާއެކު ދަތުރުފަތުރުކުރުމަށް ލިބިދޭ ލުއިގެ ސަބަބުން އިގުތިސޯދީ ގޮތުން މަކުނުދޫއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އިޖްތިމާއީ ބޭނުންތަކަށް ހިއްކާ ބިމުގައި ގެދޮރުވެރިކަމާއި އެހެނިހެން ބޭނުންތަކަށް ވެސް ބިން ބޭނުންކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މަކުނުދޫއިން ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުން ވެސް އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފަ އެވެ.
Comment