މިލާން (އޮގަސްޓް 26) - އިޓާލިއަން ލީގުގެ އާ ސީޒަނުގައި އިންޓަ މިލާނުން ކުޅުނު ފުރަތަމަ މެޗުގައި ޓޮރީނޯ އަތުން 5-0 އިން މޮޅުވެއްޖެ އެވެ.
ލީގުގެ ފުރަަތަމަ ހަފްތާގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އިންޓަ އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގި 18 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ނިކޯލޯ ބަރޭލާ ނެގި ކޯނަރަކުން އަލެސަންދްރޯ ބަސްޓޯނީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 36 ވަނަ މިނިޓްގައި މާކަސް ތުރާމް ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި، އިންޓަގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، ޕީޓާ ސުޗިޗް އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓްގައި އިންޓަ އިން ތިން ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ކާމިޔާބުކުރީ މިދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން، ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓީނޭޒް އެވެ. މިއީ، ޓޮރީނޯ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މާޓީނޭޒް ޖެހި ގޯލެކެވެ.
އިންޓަ އިން 62 ވަނަ މިނިޓްގައި، ހަތަރު ވަނަ ލަނޑު ޖެހިއިރު، ފެނިގެންދިޔައީ ފުރަތަމަ ދެ ލަނޑު ޖެހި ކުޅުންތެރިންގެ ކޮމްބިނޭޝަނެކެވެ. އެ ގޮތުން، ބަސްޓޯނީ ދިން ބޯޅައަކުން މި ލަނޑު ޖެހީ، ތުރާމް އެވެ. އިންޓަ އިން މެޗުގައި ޖެހި ފަހު ގޯލު ކާމިޔާބުކުރީ، އަންގޭ-ޔޯއާން ބޯނީ އެވެ. މިއީ، މާޓީނޭޒް، 72 ވަނަ މިނިޓްގައި ދިން ބޯޅައަކުން ބޯނީ ޖެހި ގޯލެކެވެ.
އާ ކޯޗު ކްރިސްޓިއަން ކީވޫއާ އެކު، ވަރުގަދަކޮށް ސީޒަން ފެށި އިންޓަ އިން މި ފަހަރު ލީގަށް ވަރަށް ބޮޑަށް އަމާޒުހިފާފައިވެ އެވެ. މިދިޔަ ސީޒަނުގައި، ނަޕޯލީއާ އެކު ލީގުގެ ރޭހުގައި އޮވެ، އިންޓަ އަށް ކުރިއެއް ނުހޯދުނެވެ. އަދި، އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވެސް ޓީމު ދޫކޮށްލީ އެވެ.
Comment