25 އޮގަސްޓު 2025 - 10:38 0
އަހުމަދު އާއިދު
ހަނިމާދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
25 އޮގަސްޓު 2025 - 10:38 0
މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ހދ. ހަނިމާދޫގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ. ހަނިމާދޫގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
މި ސަރުކާރުން އާރުޑީސީ އާއި ހަވާލުކުރި މި ހޮސްޕިޓަލު އެޅުމަށް 105 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރެއިން 2022 ގައި ވެސް މި ހޮސްޕިޓަލު އެޅުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި އެވެ.
2023 ގެ ނިޔަލަށް ނިންމަން ހަވާލުކުރި އެ މަޝްރޫއު ކުރިއަށް ނުގޮސް މަޑުޖެހުނީ މަޝްރޫއަށް ބޭނުންވާ ފައިސާ ލިބުމުގެ ދަތިތަކެއް ކުރިމަތިވެގެންނެވެ.
ހަނިމާދޫ ހޮސްޕިޓަލަކީ އެމްޑީޕީ ސަރުކާރުގައި ކުވެއިތު ފަންޑުން ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އެޅުމަށް ދޭން ނިންމި އެހީގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. ނަމަވެސް، މިދިޔަ ސަރުކާރު ނިމުނު އިރުވެސް އެ ފައިސާ ހަމަޖެހޭ ގޮތެއް ނުވި އެވެ.
Comment